13 Jan 2015, 14:43
އިންޓަނޭޝަނަލް ޓެނިސް ފެޑަރެޝަން (އައިޓީއެފް) އިން ބާއްވާ 14 އަހަރުން ދަށުގެ އޭޝިއާ ޑިވިޝަން ދެއެއްގެ މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ސްކޮޑު ހާމަކޮށްފި އެވެ.
އެ މުބާރާތުގައި ރާއްޖެ އިން ބައިވެރިވާ ސްކޮޑު ހާމަކޮށްފައި ވަނީ މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު މަލީހު ޖަމާލުގެ އިތުރުން ޓެނިސް އެސޯސިއޭޝަންގެ އިސް ވެރިންނާއި އެ މުބާރާތުގައި ބައިވެރިވާ 14 އަހަރުން ދަށުގެ ޓެނިސް ޓީމުވެސް ބައިވެރިވެފައިވެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު މަލީހު ޖަމާލް ވަނީ ޓެނިސް އެސޯސިއޭޝަނަކީ ވަރަށް ފުރިހަމަ، ރަނގަޅު އިންފްރާސްޓްރަކްޗާ އަކާ އެކު ހިންގަމުންދާ އެސޯސިއޭޝަނެއްކަން ފާހަގަ ކުރައްވާފަ އެވެ. އަދި ޓެނިސް އެސޯސިއޭޝަނުން ކުދިން ތަމްރީނު ކުރުމުގައި ވަރަށް މުހިންމު ޕްރޮގްރާމްތަކެއް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށާއި، ޓެނިހަކީ ރާއްޖޭގައި ގިނަ ކުރިއެރުންތަކެއް ހޯދިދާނެ ކުޅިވަރެއް ކަންވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.
"ރާއްޖެގެ ރަށްރަށުގައި ޓެނިސް ކުޅޭނެ ވަސީލަތްތައް މަދު ނަމަވެސް، ރިސޯޓްތަކުގައި ގާއިމް ކުރެވިފައިވާ ވަސީލަތްތަކުގެ ބޭނުން ގިނަ ދިވެހިން ހިފާކަން ފާހަގަ ކުރެވޭ. ޓެނިހަކީ ރާއްޖެއަށް ގިނަ ކުރިއެރުންތަކެއް ހޯދިދާނެ ކުޅިވަރެއް. އަދި ޓެނިސް އެސޯސިއޭޝަނަކީ ވަރަށް ފުރިހަމަ އިންފްރާ ސްޓްރަކްޗާ އަކާއި އެކު ހިންގަމުންދާ އެސޯސިއޭޝަނެއް. އޭގެ އިތުރުން ކުދިން ތަމްރީނު ކުރުމުގައިވެސް ޓެނިސް އެސޯސިއޭޝަނުން އަންނަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް މުސާރަ ދިނުމަށް މިހާރު ކަނޑައަޅާފައި ވަނީ ކުޅިވަރުގެ ދާއިރާއިން ކުދިން ކުރިއަށް ދާން މަގުފަހު ކޮށްދިނުމުގެ ބޭނުމުގައި ކަމަށާއި މިފަދަ ޅަ އުމުރުންފެށިގެން ކުޅުންތެރިން އެފަދަ މުބާރާތްތަކުގައި ބައިވެރިވުމަކީ ކުރިމަގުގައި އެ ކުދިންގެ ކެރިއާ އެ ދާއިރާއިން ބިނާކުރުމަށް ލިބިގެން ދާނެ ވަރަށް ބޮޑު ބާރެއް ކަމަށެވެ.
މިމަހުގެ 18 ވަނަ ދުވަހުން 29 ވަނަ ދުވަހަށް ވިއެޓްނާމްގައި ބާއްވަން ހަމަޖެހިފައިވާ އެ މުބާރާތުގައި ރާއްޖޭގެ އިތުރުން ބައިވެރިވާ ގައުމުތަކަކީ ޕާކިސްތާން، އިންޑިއާ، ސްރިލަންކާ، ލާއޮސް، ނޭޕާލް އަދި ބޫޓާން އެވެ. އެ މުބާރާތުގައި ރާއްޖޭގެ 14 އަހަރުން ދަށުގެ ޓީމް ވާދަކުރަން ހަމަޖެހިފައި ވަނީ ރާއްޖޭގެ ގައުމީ ޓެނިސް ސްކޮޑަށް އިރުޝާދު ދެއްވާ ފިލިޕީންސް ކޯޗުގެ އިރުޝާދުގެ ދަށުން ނެވެ.