13 Jan 2015, 13:39
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޭތުވެ ދިޔަ އަހަރު ތެރޭގައި ދައުލަތުގެ ހަރަދުގައި 14 ދަތުރެއް ކުރައްވާފައިވާކަން ހާމަވެއްޖެ އެވެ.
ސަން އަށް ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު ވޭތުވެ ދިޔަ 2013 ވަނަ އަހަރުން ފެށިގެން 2014 އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާ އަށް ވަނީ ފަސް ދަތުރެއް ކުރައްވައިފަ އެވެ. އަދި އިނގިރޭސި ވިލާތަށް ތިން ދަތުރެއް ކުރައްވާފައިވެ އެވެ. މީގެ އިތުރުން ދުބާއީގެ އިތުރުން ޖަޕާނާއި އެމެރިކާ އަދި ސައުތު ކޮރެއާ އަށް ވެސް އެމަނިކުފާނު ވަނީ ދަތުރުފުޅު ކުރައްވައިފަ އެވެ.
އޭގެ ތެރެއިން ހަތަރު ދަތުރުފުޅެއްގައި އަބިކަނބަލުން ލައިލާ އަލީ ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ލިއުންތަކުން އެނގެ އެވެ. އެއީ ސްރީލަންކާ އަށް ކުރެއްވި ދެ ދަތުރުފުޅާއި ސިންގަޕޫރާއި އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ.
ރައީސް ނަޝީދުގެ އަނބިކަނބަލުންނާ އެކު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅުގައި 29 ދުވަހު އެގައުމުގައި ވަނީ ހޭދަކުރައްވާފަ އެވެ. އެއީ ވޭތުވެ ދިޔަ އަހަރު ދައުލަތުގެ ހަރަދުގައި ކުރައްވާފައިވާ ދަތުރުފުޅުގެ ތެރެއިން އެންމެ ގިނަ ދުވަސްވަންދެން ގައުމެއްގައި މަޑުކުރެއްވި ދަތުރުފުޅެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޭތިވެ ދިޔަ އަހަރު ރައީސް ނަޝީދު އެންމެ ގިނައިން ދަތުރުފުޅުކުރެއްވި ސްރީލަންކާ އަށް މިއަދު ވެސް އެމަނިކުފާން ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މި މަހުގެ 18 އިން 23 އަށް އަބޫދާބީ އަށް ދަތުރުކުރެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.
އެ ދަތުރުފުޅުތަކުގައި ނަޝީދަށް ދައުލަތުން ކޮށްފައިވާ ހަރަދުގެ ތަފްސީލުތަކެއްް އެ ލިޔެކިޔުންތަކުގައި ހިމަނާފައެއް ނުވެ އެވެ.