ނުވަ މަހުގެ ފިރިހެން ދަރިފުޅު މަރާލިކަމުގެ ދައުވާ ލިބޭ އިންޑިއާގެ ރުބީނާ ބުރުހާނުއްދީން މިނިވަން ކުރުމުގެ މަސައްކަތުގެ ތެރެ އަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ވަދެއްޖެ އެވެ.

އިންޑިއާގެ ރުބީނާ ބުރުހާނުއްދީންގެ މައްޗަށް ދައުވާކޮށްފައި ވަނީ ޖޫން 27، 2010ގައި އޭނާގެ ފިރިމީހާ ތ. ކިނބިދޫ އަލިތަރި، ހަސަން ޖާބިރު ދެކެ ހިތްހަމަނުޖެހި ރުޅި އައިސްގެން އެ ދެ މީހުންގެ ނުވަ މަހުގެ ފިރިހެން ދަރިފުޅު، އަހުމަދު ސާއިބުގެ މޫނު މަތީގައި ބާލީސް އަޅައި މަރާލާފައިވާ ކަމުގެ ތުހުމަތުގަ އެވެ.

މާލޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެސްސީ އަގަރުވާލް އިންޑިއާގެ އިކޮނޮމީ ލީޑު ނޫހަށް މިއަދު ވިދާޅުވީ އޭނާގެ މައްސަލަ އޮތީ ކްރިމިނަލް ކޯޓުގައި ކަމަށެވެ. އަދި އެއްވެސް ހުކުމެއް އިއްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ގޮތެއް ނިންމާފައެއް ނުވޭ. ރާއްޖޭގެ އޮތޯރިޓީތަކާ ވާހަކަ ދައްކައިގެން އަޅުގަނޑުމެން މަސައްކަތް މިކުރަނީ އޭނާ އަވަހަށް ދޫކޮށްލާނެ ގޮތެއް ހޯދަމުން." އިންޑިއާގެ ހައިކޮމިޝަންގެ ފަސްޓް ސެކެޓްރީ އެސްސީ އަގަރްވާލް ވިދާޅުވި އެވެ.

ރުބީނާ މިނިވަން ކުރުމަށް އިންޑިއަން ހައި ކޮމިޝަނުން މަސައްކަތް ފަށައިގެން އުޅޭއިރު ކެރެލާގެ ޗީފް މިނިސްޓަރު އޫމެން ޗަންދީ ވިދާޅުވެފައި ވަނީ ރުބީނާގެ މައްސަލައިގައި ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި ކުރިން އެ މައްސަލަ އެނގިފައި ނުވާ ކަމަށެވެ.

ދަރިފުޅު މަރާލި ކަމުގެ ދައުވާ ލިބޭ ރުބީނާގެ ޝަރީއަތް އެންމެ ފަހުން ކުރިއަށް ގެންގޮސްފައި ވަނީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. ނަމަވެސް ދައުލަތުން ވަކީލެއް ހަމަޖައްސައިދީފައި ނުވާތީ އަވަހަށް އެ މައްސަލަ ނިންމަން ވަކީލަކާ ނުލައި ޝަރީއަތް ފެށުމަށް އޭނާ ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ.