13 Jan 2015, 13:14
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެން އަންނަ މަސައްކަތުގެ ދަށުން ރާއްޖެ ގެންނަން ނިންމާފައިވާ ޑޯގް ސްކޮޑު (ފާރަގެމަ)ގެ ކުއްތާތައް ރާއްޖެ ގެންނަންވާއިރަށް ތައްޔާރު ކުރާ ޑޯގު ކެނަލްތަކުގެ މަސައްކަތް ވީހާ ވެސް ފުރިހަމައަށް ނިންމައި ދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ވެރިންގެ ކިބައިން ހޯމް މިނިސްޓަރު އުމަރު ނަސީރު އެދިވަޑައިގެންފި އެވެ.
ހުޅުލޭގައި ތައްޔާރު ކުރާ ޑޯގް ކެނަލްތަކުގެ މަސައްކަތް ބައްލަވާލެއްވުމަށް ހޯމް މިނިސްޓަރު ވަނީ ޑޯގު ކެނަލްތަކުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް މިއަދު ޒިޔާރަތްކުރައްވައިފަ އެވެ.

ހުޅުލޭގައި ހަދާ ޑޯގު ކެނަލްއަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ޒިޔާރަތް ކުރައްވަނީ: ފޮޓޯ ހޯމް މިނިސްޓްރީ
ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒުމީލު އަބުދުއްސަމަދު މިއަދު ސަން އަށް ވިދާޅުވީ އެތަން ތައްޔާރުކޮށް ނިމޭ އިރު ކޮންމެ ޑޯގަކަށް ގޮޅިއެއް ހުންނާނެ ކަމަށެވެ. އަދި ފެބުރުއަރީ މަހުގެ ފަހު ހަފްތާގައި ފާރަގެމަގެ 16 ކުއްތާ ރާއްޖެ ގެންނަ އިރު، ޑޯގު ކެނަލްގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ތަޒްމީލް ވިދާޅުވި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ހުޅުލޭގައި ހަދާ ޑޯގު ކެނަލްތަކަށް ގެންނަ 16 ކުއްތާއާ އެކު އެ އެއްޗެހި ގަތް ނެދަލެންޑްސްގެ ފާމްގެ ދެ އިންސްޕެކްޓަރުން ވެސް ކުއްތާތަކާ އެކު ރާއްޖެ އަންނާނެ ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

ތަޒްމީލް ވިދާޅުވީ ފާރަގެމަ ތަމްރީނު ކުރުމަށް ހަ ހަފްތާގެ ތަމްރީން ދިވެހި ފުލުހުންނާ އެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފާރަގެމައިގެ ތަމްރީނުތައް ނިމޭ އިރު ޑޯގު ސްކޮޑަށް ހާއްސަ ދެ ވެހިކަލް ވެސް ޕޮލިސް ސާވިސްގައި އޮންނާނެ ކަމަށް ތަޒްމީލު ވިދާޅުވި އެވެ.
ނެދަލެންޑްގެ ފާމަކުން 16 ކުއްތާ ގަތުމަށް ފަހު މިހާރު އެ އެއްޗެހި ބޮޑުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ޑޯގުތައް ރާއްޖެ ގެނައުމަށް 40،000 ޔޫރޯ ސަރުކާރުން ދައްކާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.