13 Jan 2015, 13:02
މާލޭ ސިޓީ ކައުންސިލް ސިޓީ ހޯލް ބޭނުން ކުރަމުން އަންނަނީ ގަވާއިދާ އެއްގޮތަށް ކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ އިއްޔެ 'ސަން' ވިދާޅުވީ ސިޓީ ހޯލް ބޭނުންކުރަމުން އަންނަ ގޮތާ މެދު އާއްމު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހިގެން ފާއިތުވި ދެ ތިން އަހަރު އެ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތައް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް ބެލިބެލުުމުން ސިޓީ ހޯލް އެކިއެކި ފަރާތްތަކުން ބޭނުން ކުރަމުން އަންނަނީ ފައިސާ ދައްކައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފާއިތުވި ދެ ތިން އަހަރު އެކި ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން ކޮމިޝަނުން އެ މައްސަލަ ބެލި އިރު ސިޓީ ހޯލް އެކިއެކި ފަރާތްތަކުން ބޭނުންކުރަމުން ގެންދަނީ ފައިސާ ދައްކައިގެން، ފަހަރުގައި ސިޓީ ކައުންސިލަކީ ވަކި ސިޔާސީ ޕާޓީއެއްގެ އަގުލަބިއްޔަތު އޮންނަ [ބަޔަކަށްވާތީ ] ޕާޓީގެ ހަރަކާތްތައް ބާއްވާލެއް އިތުރުވެދާނެ، ނަމަވެސް ސިޓީ ހޯލް ޕާޓީން ވެސް ބޭނުންކުރަމުން ގެންދަނީ ފައިސާ ދީގެން،" ލުތުފީ ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލްގެ ހޯލު ސިޔާސީ ޕާޓީތަކާއި އެކި ޖަމިއްޔާތަކަށް ކުއްޔަށް ދެމުންދާއިރު ވަކި ބަޔަކަށް ސިޓީ ކައުންސިލްގެ ހޯލު ކުއްޔަށްދޭ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ، އެ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސިޓީ ހޯލު ކުއްޔަށް ދެމުން ގެންދަނީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ސިޓީ ހޯލުގައި އެއްވެސް ފަރާތަކުން ހަރަކާތެއް ބާއްވަން އެދިއްޖެ ނަމަ އެއްވެސް "ތަފާތު ކުރުމެއް" ނެތި ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތީން އެ ފަރާތަކަށް ސިޓީ ހޯލު ކުއްޔަށް ދެމުން ގެންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
ސިޓީ ކައުންސިލުން ބުނީ ސިޓީ ކައުންސިލްގެ ހޯލު ކުއްޔަށް ދޫކުރުމަށް ފަހު ލިބޭ ފައިސާ ޖަމާކުރަމުން ދަނީ ފިނޭންސް މިނިސްޓްރީއަށް ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރު ސިޓީ ކައުންސިލްގެ ހޯލު ކުއްޔަށް ދީގެން ލިބިފައިވާ 1،58،150 ރުފިޔާ ފިނޭންސް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.