ލަކްނޫ (ޖެނުއަރީ 13) – އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރު ޕްރަދޭޝްގައި އަލްކަހޯލްގެ ބާރުގަދަ ބާވަތެއް ބޮވިގެން 17 މީހަކު މަރުވެ، 122 މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އޭޕީއަށް މައުލޫމާތު ދެއްވި އިންޑިއާ ސަރުކާރުގެ އޮފިޝަލެއް ކަމަށްވާ އަނިލް ގާރްގު ވިދާޅުވީ، އެ ހާދިސާގެ ޝިކާރައަކަށްވީ ގިނަ މީހުންނަކީ އާދީއްތަ ދުވަހު ހަވީރު، ލަކްނޫގެ އަވަށެއްގައި ކްރިކެޓް މެޗެއް ބެލުމަށް ޓަކައި އެއްވި 200 އަށް ވުރެ ގިނަ މީހުން ކަމަށެވެ.

އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 17 ކަމަށް އޮފިޝަލުން ވިދާޅުވި ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުން އެ ހާދިސާގައި މަރުވި މީހުންގެ އަދަދު މިއަދާ ހަމައަށް 22 އަށް އަރަ އެވެ. ހޮސްޕިޓަލުގެ ޑޮކްޓަރުން ހާމަކުރައްވާ ގޮތުގައި، އެޑްމިޓްކޮށްފައިވާ މީހުންގެ ތެރެއިން 14 މީހަކު މިހާރު ވެސް އޮތީ ވަރަށް ނާޒުކު ހާލަތެއްގަ އެވެ. އޭގެ ތެރެއިން ބައެއް މީހުން މެޝިނުގެ އެހީގައި ނޭވާލާންޖެހިފައިވާ އިރު އަނެއްބައެއްގެ ލޮލުގެ ފެނުން ގެއްލިފައިވާ ކަމަށް ވެ އެވެ.

ލަކްނޫ ފުލުހުން ވަނީ، ލައިސަންސް ނެތި އަމިއްލައަށް ތައްޔާރުކޮށްފައިވާ އެ ބަނގުރާ ވިއްކި ފިހާރައިގެ ވެރިޔާ ހައްޔަރުކޮށްފަ އެވެ. ފުލުހުން އެ ފިހާރައަށް ވަދެ އެތަން ބަލައި ފާސްކުރި އިރު އެތަނުގެ ތެރެއިން ބޮޑިތި ކެމިކަލް ކޮންޓެއިނާތަކެއް ފެނިފައިވާ ކަމަށާއި އެތަކެތި ތަހުލީލުކުރުމަށް ލެބޯޓަރީ އަށް ފޮނުވާފައިވާ ކަމަށް ޑިސްޓްރިކްޓް އޮފިޝަލް އާރްކޭ ޕާންޑޭ ވިދާޅުވި އެވެ.

"އެމީހުންނަށް ބޯންދީފައި ވަނީ މެތީލް އަލްކަހޯލް ކަން ބަލިމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކުން ސާފުކޮށް އެނގޭ،" އަގުހެޔޮކޮށް ބަނގުރާ އުފެއްދުމަށް ބައެއް ފަހަރު "އީތައިލް އަލްކަހޯލާއި މެތީލް އެއްކުރުމުން" އެ ވަރަށްބޮޑަށް ވިހަވާކަމަށް ކިޔައިދެއްވަމުން ލަކްނޫގެ ކިންގްސް ޖޯޖްސް މެޑިކަލް ކޮލެޖްގެ ޓްރޯމާ ސެންޓަރު ހިންގެވުމާ ހަވާލުވެހުންނެވި ޑރ. ކައުޘަރު އުސްމާން ވިދާޅުވި އެވެ.

ގައިވައިދާ ޚިލާފަށް އުފައްދާ ބަނގުރާ ބުއިމުގެ ސަބަބުން އިންޑިއާގައި މީހުން މަރުވުމަކީ ވަރަށް އާންމު ކަމެކެވެ. އެގޮތަށް ދިމާވަނީ، އިންޑިއާގައި ފަގީރުން ގިނަވުމާއި ފަގީރުންނަށް ލައިސެންސްޑް އަލްކަހޯލް ގަތުމަށް ނުކުޅެދޭތީ އެވެ.

ލަކްނޫގެ ޑަޓްލީ ވިލެޖްގައި ހުންނަ އެ ފިހާރައިން ބަނގުރާ ގަނެގެން ބުއިމުގެ ސަބަބުން ބަލިވި ދެ މީހެއްގެ ބޭބެއެއް ކަމަށްވާ ރާޖޭޝް ކުމާރު ބުނީ، އަގުހެޔޮ ބާވަތްތަކުގެ ބަނގުރާ އުފައްދައި އެފިހާރައިން އާންމުކޮށް ވިއްކާ ކަމަށެވެ. އަދި އެ ހިސާބު އެހެނިހެން އަވަށްތަކުގެ މީހުން ވެސް އެތަނުން ބަނގުރާ ގަންނަކަމަށެވެ.

އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު އަޚީލޭޝް ޔާދާވް ވިދާޅުވީ، ގަވާއިދާ ޚިލާފަށް ބަނގުރާ އުފައްދައި އެ ވިއްކަމުން ދިޔަ ފިހާރައިން އެކަން ކުރާކަން އެނގި ތިބެ، އެކަން ހުއްޓުވަން ފިޔަވަޅު ނާޅައި އެތަނުން ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފުލުހުންގެ ހަ އޮފިސަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ މަނާ ބާވަތްތައް އެގޮތަށް ވިއްކާ ތަންތަން ފާސްކުރުމަށް ހާއްސަ އޮޕްރޭޝަނެއް ފައްޓަވާނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. (އޭޕީ)