ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށާއި އެންމެހާ މުސްލިމުންނަށް ތަކުރާރުކޮށް ފުރައްސާރަކުރަމުންދާ ފަރަންސޭސި ނޫހެއް ކަމަށްވާ ޗާލީ ހެބްޑޫގެ އޮފީހަށް ދިން ހަމަލާ ތަހުގީގު ކުރަމުން އައި ފުލުހުންގެ އިސްވެރިއަކު އަމިއްލައަށް މަރުވެއްޖެ އެވެ.

ފަރަންސޭރިވިލާތުގެ ލެމޯޖެސް ނަމަކަށް ކިޔާ ރަށުގެ ޑެޕިއުޓީ ޑައިރެކްޓަރު އޮފް ރީޖަނަލް ޖުޑިޝަލް ޕޮލިސްގެ މަގާމުގައި ހުރި ހެލްރިކް ފްރެޑޫ އަމިއްލައަށް މަރުވީ ބޮލަށް ބަޑިޖަހައިގެން ކަމަށް ފަރަންސޭސި އޮފިޝަލުންނާ ހަވާލާދީ ޓެލެގްރާފް ނޫހުން ބުންޏެވެ.

އޭނާ މަރުވި އިރު އޭނާއާ ހަވާލުވެފައި އޮތީ ޗާލީ ހެބްޑޫގެ އޮފީހަށް ދިން ހަމަލާގައި މަރުވިމީހެއްގެ އާއިލާއާ ސުވާލުކޮށް ތަހުގީގެއް ކުރުމަށެވެ. އޭނާ މަރުވި އިރު އެތަހުގީގާ ގުޅޭ ރިޕޯޓް ފުލުހުންނަށް ހުށަހަޅާފައެއް ނުވެ އެވެ. ނަމަވެސް އޭނާ އަމިއްލައަށް މަރުވުމާއި އެ ތަހުގީގާ ގުޅުމެއް އޮތް ކަމެއް ނުވަތަ ނެތް ކަމެއް ނޭނގޭ ކަމަށް ފަރަންސޭސި ފުލުހުން ވަނީ ބުނެފަ އެވެ.

މިދިޔަ ބުދަ ދުވަހު ޗާލީހެބްޑޫގެ އޮފީހަށް ދިން ހަމަލާއާއި އޭގެ ފަހުން ޕެރިހުގައި ދިން އެހެން ހަމަލާތަކުގައި ޖުމްލަ 17 މީހުން މަރުވި އެވެ.