13 Jan 2015, 11:20
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަަށުން ހިއްކުމަށް ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ޓަކައި ފަރުކޮޅުފުއްޓާއި ފުރަނަ ފުއްޓާ ދެމެދުގައި އޮންނަ ކުޑަކަޅި ކަނޑުއޮޅިން ދަތުރު ކުރުން މަނާކޮށްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ކަނޑު އޮޅި ބަންދުކުރީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ ބިން ހިއްކުމަށް ޓަކައި ގެނެސްފައިވާ ޑްރެޖަރު މިވަގުތު އެ ސަރަހައްދުގައި މަސައްކަތް ކުރަމުން އަންނާތީ ކަމަށެވެ. އަދި އެ ޑްރެޖަރު އަނބުރާ ފުރުމާ ހަމައަށް އެ ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތް ކުރުމަށް ޓަކައި ހަރަކާތްތެރިވާ ޑްރެޖަރު ވެލި ހިފައިގެން ކައިރި ކުރުމަށް ފަރުކޮޅު ފުށީގެ ފަޅުގެ ހުޅަނގު އުތުރުން ފެށިގެން ރޭޑިއަސްގައި ބައިމޭލް ހިމެނޭ ސަރަހައްދެއް ކަނޑައަޅައިފައިވާ ކަމަށެވެ.
"މަސައްކަތް ނިމި ޑްރެޖަރު އަނބުރާ ފުުރުމާ ހަމައަށް 'ކުޑަކަޅި' ކަނޑުއޮޅިން ދަތުރުކުރުމުގައި އުޅަނދުފަހަރަށާއި ޑްރެޖަރަަށް ލލިބިދާނެ ނުރައްކަލަކަށް ޓަކައި އެ ކަނޑުއޮޅިން ދަތުރު ކުރުން މަނާކޮށްފީމެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުކަންދީ ޑްރެޖަރުގެ ދަތުރުތަކަށް ހުރަސްނޭޅޭނެ ގޮތަކަށް ތަންދީގެން ފަރުވާތެރިކަމާ އެކު ދަތުރުކުރުމަށް އަންގަމެވެ،" އެ އޮތޯރިޓީން ބުނެފައިވެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވާ ބެލްޖިއަމްގެ ޑްރެޖިން ކުންފުނިން ރާއްޖެ ގެނެސްފައިވާ "ލިއެވް އެެރިކްސަން" ނަމަކަށް ކިޔާ އެ ޑްރެޖަރަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރެވެ.
އެ ޑްރެޖަރަކީ އެއްފަހަރާ 40،000 އަށް ވުރެ ގިނަ ކިއުބިކް ޓަނުގެ ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ ބޯޓެކެވެ.
ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ފަރުކޮޅުފުއްޓާ ދިމާލުން 240 ހެކްޓަރުގެ ބިން ހިއްކާ އިރު އެއީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެއްކެވެ.