ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ބޭނުންފުޅުވާ ބަޔަކު ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވުން ނިމުމަކަށް ގެނައީ އޯގަސްޓް 7، 2008 ވަނަ ދުވަހު އަމަލުކުރަން ފެށި ފެހި ގާނޫނު އަސާސީ އެވެ. އެ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގެ ޝަރުއީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައެވެ. ހައިކޯޓުން ނިންމާ ނިންމުންތައް ރައީސުލްޖުމްހޫރިއްޔާގެ އަރިއަހަށް އިލްތިމާސަށް ހުށަހަޅާ ގޮތަށް އޮތްއޮތުން ނިމުމަކަށް ގެނެސް ސުޕްރީމް ކޯޓުގެ ނަމުގައި ކޯޓެއް އުފެދި، އެއީ ރާއްޖޭގެ އަދުލުއިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރު ކަމުގައި ކަނޑައެޅުނެވެ. މިހިރީ ހައްތާވެސް ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމާ އެކު ރާއްޖޭގެ ޝަރުއީ ނިޒާމަށް އައި ހެޔޮ ބަދަލުތަކެވެ.

އެ ބަދަލާ އެކު ފަނޑިޔާރުން ދެކެވަޑައިގަންނަވާ ގޮތުން ކަމުގައި ވަނީނަމަ އެބޭފުޅުންނަކީ އުމުރުފުޅުން 70 އަހަރު ވަންދެން މަގާމުގައި ދެމިތިއްބވޭނެ ބައެކެވެ. އެކަމަކު އެއީ އެބޭފުޅުންގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިވާ ފަދަ ސަބަބެއް މެދުވެރިނުވާނަމަ އެވެ. ކަންމިހެން އޮތްއިރު، ގާނޫނު އަސާސީއާއި ގާނޫނުތައް އެކުލަވާލެވިފައި އޮތްގޮތުން ރައްޔިތުންގެ މަޖިލީހަށް ފެނުނު ކޮންމެ ވަގުތަކު، ބޭނުން ކޮންމެ ގޮތަކަށް ފަނޑިޔާރުގެއަށް ބަދަލުގެނެވޭގޮތަށް އުސޫލެއް އޮތުމަކީ އެންމެ ރަނގަޅު ގޮތްބާ އެވެ؟ އެއީ ފަނޑިޔާރުންގެ މުސްތަގިއްލުކަން ދެމެހެއްޓިދާނެ ކަމެއްބާ އެވެ؟

ގާނޫނު އަސާސީ ބުނާގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އެކުލަވައިލަން ޖެހޭނީ އޮނަހިރި އަދަދަކަށެވެ. އެގޮތުން އެ ކޯޓުގައި އޮންނާނީ ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗެއް ކަމަށް ކޯޓުތަކުގެ ގާނޫނުގައި ކަނޑައެޅި އެވެ. އެ އުސޫލުގެމަތިން 2010 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައިސް އެންމެފަހުން މިހާރު މިވަނީ އެ އުސޫލު އަނެއްކާ ވެސް ބަދަލުވެފަ އެވެ.

ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް ކުޑަކޮށްފަ އެވެ. އެ ގެނައި ބަދަލާ އެކު އެ ކޯޓުން ދެ ފަނޑިޔާރަކު ވަނީ މަގާމުން ވަކިކުރައްވާފަ އެވެ.

ގާނޫނަށް ގެނައި އިސްލާހުގައި ޖުޑީޝަލް ސާވިސް ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން އެ ކޮމިޝަނުން ޖެހެ އެވެ. އެގޮތުން އެ ކޮމިޝަނުން ނިންމީ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު މަގާމުން ވަކިކުރުމަށެވެ.

ގާނޫނުގައިވާ ގޮތުގެމަތިން އެ ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން ހަމަ ގާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ވަނީ އެ ދެބޭފުޅުން މަގާމުން ވަކިކުރެއްވުމާ މެދު ގޮތެއް ނިންމެވުމަށް ވޯޓަށް އައްސަވާފަ އެވެ. ވޯޓުގެ ނަތީޖާ އަކީ އެ ދެ ބޭފުޅުން ވެސް މަގާމުން ވަކި ކުރެއްވުމެވެ.

ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވި ގޮތުގައި ބޭނުން ވަގުތަކު ބޭނުން ގޮތަކަށް ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކޮށް އަދި ބޮޑު ކުރެވޭގޮތަށް އޮތުމަކީ ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލޭނެ ކަމެކެވެ. އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ވެގެން ދިޔުމަކީ އެވަގުތަކު ސިޔާސީގޮތުން ބާރުވެރި ފަރާތްތަކަށް ފަހިވާގޮތަށް ހުކުމް އިއްވުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.

"މިހެން ހަދާކަމަށްވަންޏާ އަނެއްކާ ދެންއަންނަ ސަރުކާރަކުން އަނެއްކާ ތިނަކަށް ހަދާލަންވީ ނޫންތޯ. އެގޮތަށް ހެދީމަ މިހާރު ތިބި މީހުން ވަކިކޮށްލެވޭނެ. މިއީ ކުޅޭކުޅޭ ކުޅިވަރެއް ނޫން ވިއްޔާ ދެއްތޯ؟ ވަޒީފާގެ ޔަގީންކަން އޮތީމަ ދެއްތޯ ހުކުމް ކުރެވޭނީ ވަކި ފަރާތަކަށް ބުރަ ނުވެ. އެހެންވީމަ ދެންއަންނަ ސަރުކާރަކުން އަނެއްކާ ތިނަކަށް ބަދަލުކޮށްފައި ފަހުން އަނެއްކާ ހަތަކަށް ވެސް ހަދާލަފާނެ،" ސުއޫދު ވިދާޅުވި އެވެ.

ފަނޑިޔާރުންނަކީ އެހެނިހެން މަގާމްތަކުގައި ތިއްބަވާ ބޭފުޅުންނަށް ވުރެ ތަފާތު ގޮތަކަށް މަސައްކަތް ކުރައްވާ ބައެކެވެ. ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ކުރި ކަމެއް ކަމުގައިވީ ނަމަވެސް އެކަމަކީ ގާނޫނާއި ގަވާއިދާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމުގައި ވަނީނަމަ އެ މައްސަލަ ބަލައި ނިޔާ ކަނޑައަޅަން ތިއްބަވަނީ ފަނޑިޔާރުންނެވެ. ސުޕްރީމް ކޯޓަކީ ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކަކީ ގާނޫނު އަސާސީއާ ތައާރަޒުވާ ނިންމުމެއް ކަމަށް ވެއްޖެ ނަމަ އެ ނިންމުން ބާތިލު ކުރުމުގެ ބާރު ލިބިގެންވާ ތަނެކެވެ. ސުޕްރީމް ކޯޓެކޭ އެއްފަދައިން ހައިކޯޓަކީ ވެސް މަޖިލީހުން ފާސްކުރާ ގާނޫނުތައް ގާނޫނު އަސާސީއާ ތައާރަޒުވާނަމަ އެ ގާނޫނުތައް ބާތިލް ކުރުމުގެ ބާރު ލިބިފައިވާ ތަނެކެވެ. އަދި އެހެނިހެން ކޯޓުތަކުގެ ފަނޑިޔާރުންނަށްނަކީ ވެސް ސިޔާސީ ފަރާތްތައް އިސްތިސްނާކުރުމެއް ނެތި ކޮންމެ މީހެއްގެ މައްސަލަ ވެސް ބެލުމުގެ ބާރު ލިބިގެންވާ ބައެކެވެ.

ކަންމިހެން ހުރިއިރު، ބޭނުން ކޮންމެ އިރަކު، ބޭނުންގޮތަކަށް ފަނޑިޔާރުން މަގާމުން ވަކިކުރެވޭ ކަމުގައިވާ ނަމަ، ނުވަތަ މަގާމުން ވަކިކޮށްފާނެ ކަމުގެ ބިރުހީވެފައި އޮންނަ ނަމަ އިންސާފުވެރިކަމާ އެކު ފަނޑިޔާރުގެއިން ހުކުމް އިއްވިދާނެ ކަމާމެދު ސުވާލު އުފެދޭނެ ޖާގަ އޮންނާނެ އެވެ. ރައްޔިތުން ގެނައި ބަދަލަކީ ފަނޑިޔާރުންގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ފަދަ ނިންމުމެއް ކަމުގައި ބެލުމުގެ ފުރުސަތު އެބައޮތެވެ.

އުއްތަމަ ފަނޑިޔާރު ފާއިޒާއި ފަނޑިޔާރު މުއުތަސިމް މަގާމުން ވަކިކޮށްފައި ވަނީ އެ ދެ ބޭފުޅުންގެ މައްޗަށް ސުލޫކީ އެއްވެސް މައްސަލައެއް ސާބިތުވެގެނެއް ނޫނެވެ. ފަނޑިޔާރުކަމުގެ ޝަރުތު އުނިވާޒާތުގެ އެއްވެސް ކަމެއް އެބޭފުޅުން ކުރައްވާފައި ވާތީކީ ނޫނެވެ. އެއީ ގާނޫނުނަށް ގެނައި އިސްލާހުގައި ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަން ޖެހޭ ކަމަށް ބުނެފައިވާތީ ކުރި ކަމެކެވެ.

މަޖިލީހުގެ އެ ނިންމުމުން ރާއްޖޭގައި ގާއިމްވެގެން ދިޔަ އުސޫލަކީ ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުންނަށް ފެނިވަޑައިގެންފި ނަމަ އެއްވެސް ސަބަބަކާ ނުލައި، ހަމައެކަނި އެ ފަނޑިޔާރަކު ވަކިކުރަން މެޖޯރިޓީ މެމްބަރުން ބޭނުންފުޅުވާނަމަ އެކަން ކުރެވިދާނެ ކަމެވެ. ފަނޑިޔާރުން ވަކިކުރަން ބޭނުންވަނީ އެކަމަށް ތާއީދުކުރާ މެމްބަރުންތަކެއް ކަމެވެ. އެބޭފުޅުން ކުށެއް ކުރިތޯ ނުވަތަ ސުލޫކީ މައްސަލައެއް ސާބިތުވިތޯ ބަލަން ނުޖެހޭ ކަމެވެ. މިއީ ގާނޫނު އަސާސީން ވަކިކޮށްފައިވާ އެއްބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ފޯރުވުމުގެ ދޮރު ހުޅުވިގެން ދިޔަ ކަމެކެވެ. ރާއްޖޭގެ ޝަރުއީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެ، ޝަރުއީ ނިޒާމްގެ މިނިވަންކަމާ މެދު ސުވާލު އުފެއްދުމަށް ލިބުނު ފުރުސަތެކެވެ.

އެހެންކަމުން އެއްބާރުން އަނެއްބާރުގެ މައްޗަށް ނުފޫޒު ފޯރުމަށް ހުޅުވިފައިވާ ދޮރު ބަންދުކުރުމަށްޓަކައި، ރާއްޖޭގެ ޝަރުއީ ނިޒާމަކީ ރައްޔިތުން ފުރިހަމަ އިތުބާރުކުރާ ތަނަކަށް ހެދުމަށްޓައި އެއްވެސް ގޮތަކަށް ބަދަލު ނުކުރެވޭ ފަދަ ހަރުދަނާ އުސޫލުތަކެއް ގާއިމް ކުރަންޖެހެ އެވެ. އެހެންނޫނީ ރާއްޖޭގައި މިއޮތް ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގެއްލިގެންދިޔުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.