13 Jan 2015, 11:15
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓިރިޓީ (މީރާ) އަށް ހުށައަޅަން ޖެހޭ މާލީ ހިސާބުތައް ތައްޔާރުކުރާ އޮޑިޓަރުން އައްޔަން ކުުރުމުގެ އުސޫލްތަކަށް ބަދަލުތަކެއް ގެނެސް "ޓެކްސް ރޫލިން" ގެޒެޓް ކޮށްފި އެވެ.
އިއްޔެ ގެޒެޓްކޮށްފައިވާ އެ ރޫލިން ބުނާ ގޮތުން މީގެ ކުރިން އޮޑިޓަރުން އައްޔަންކުރުމަށާއި އަމަލު ކުރަންޖެހޭ ގޮތްތަކަކަށް ބޮޑޭތި ބަދަލުތަކެއް އައިސްފައިވެ އެވެ. ފާހަގަކޮށްލެވޭ އެއް ބަދަލަކަށްވެފައި ވަނީ ގިންތި ބަދަލުވާ ހާލަތްތަކުގައި އޮޑިޓަރުން ބަދަލުކުރަން ނުޖެހުމެވެ. އެގޮތުން އެއް ކެޓަގަރީގެ އޮޑިޓް ކުރާ އޮޑިޓަރެއް ކުރަމުންދިޔަ ވިޔަފާރި އެހެން ކެޓަގަތީއަކަށް ބަދަލުވުމުން ވެސް އަނެއް ކެޓަގަރީގައި އޮޑިޓް ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ. އެކަން ކުރެވޭނީ ކޮމިޝަނާ ޖެނެރަލްގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް އެރޫލިންގައި ބުނެފައިވެ އެވެ.
ދެވަނަ ބަދަލަކަށް، މީރާގައި ރަޖިސްޓުރީކޮށްފައިވާ އޮޑިޓަރުން ވޭތުވެ ދިޔަ އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާ އޮޑިޓްތަކުގެ ރިޕޯޓްތަކަށް ރިއާޔަތްކޮށް މީރާ އިން ބުނާ ފޯމެޓެއްގައި ކޮންމެ އަހަރެއްގެ 31 މާޗުގައި ރިޕޯޓް ހުށައަޅަން ޖެހެ އެވެ. އަދި އަލަށް ގެނެވުނު ބަދަލާ އެކު އޮޑިޓް ފާމެއްގައި ގޮތުގައި ރަޖިސްޓުރީ ކުރެވެނީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ފާޓުނާޝިޕަކަށް އެކަންޏެވެ.
އޮޑިޓް ޕާޓުނަރު ރާއްޖޭގައި ވަޒަން ވެރިވެފައިވާ ފަރާތެއްތޯ ބެލުމަށް އަލަށް އެކުލަވާލި ރޫލިންގައި ބުނެފައި ވަނީ އެއީ ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއްތޯ ބެލެވޭނީ 12 މަހަށް ވުރެ ގިނަ ދުވަހު ރާއްޖޭގައި އުޅެފައިވާ މީހަކަށްވުން ކަމަށެވެ.