13 Jan 2015, 10:34
އިސްލާމްއާބާދު (ޖެނުއަރީ 13) - ޕާކިސްތާނުގެ އަސްކަރިއްޔާއިން އެގައުމުގެ ހުޅަނގު-އުތުރުގައި ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަންތަކުގެ ނަތީޖާ، ވަރަށް ރަނގަޅަށް ފެންނަމުން ދާކަމަށް ބުނެ، އެގައުމުގެ އަސްކަރިއްޔާއަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ތައުރީފްކުރައްވައްވައިފި އެވެ.
ކެރީ މިގޮތަށް ވާހަކަފުޅު ދައްކަވާފައި ވަނީ، ޚާރިޖީ ކަންކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރަށް ލަފާފުޅުއަރުވާ، ސަރްތާޖު ޢަޒީޒާ އެކު އިސްލާމްއާބާދުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަޒިރިސްތާންގެ އުތުރުގެ ސަރަހައްދުތަކުން ހަނގުރާމަވެރީންގެ ބާރު ކަނޑުވާލައި އެބައިމީހުން އެތަނުން ފައްސާލުމަށް ހާއްސަ ހަރަކާތްތަކެއް ހިންގަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ހުސްވި ޑިސެމްބަރު މަހު 16 ވަނަ ދުވަހު ޠާލިބާން ހަނގުރާމަވެރިން ޕިޝާވަރުގައި ޕާކިސްތާނުގެ ސިފައިން ހިންގާ ސްކޫލަކަށް ހަމަލާދީ އެ ސްކޫލުގެ އެތަކެއް ދަރިވަރުންނާއި ޓީޗަރުންތަކެއް މަރާލައި ހިންގި ގަތުލުއާންމަށްފަހު ވެސް ހަނގުރާމަވެރީންގެ އެފަދަ ބިރުދެއްކުންތަކަށް ފަސް ނުޖެހި، އެ ސްކޫލު ހުޅުވައި އަލުން ކިޔަވައިދޭން ފަށާފައިވާތީ، އެކަމަށް ވެސް ކެރީ ތައުރީފުކުރެއްވި އެވެ.
ޕާކިސްތާނުގެ ސިފައިން ހިންގާ އެ ސްކޫލްގެ ތެރެއަށް ތާލިބާން ހަނގުރާމަވެރިން ވަދެ، ޑިސެމްބަރު 16 ވަނަ ދުވަހު ހިންގި ގަތުލުއާންމުގައި 140 އަށްވުރެ ގިނަ މީހުން މަރާލާފައިވާއިރު އޭގެ ތެރޭގައި 134 ދަރިވަރުން ހިމެނެ އެވެ.
ޕާކިސްތާނުގައި ހިންގި އެންމެ ހިތާމަވެރި އެއް ޓެރަރިސްޓް ހަމަލާއަށްފަހު އެ ސްކޫލް އަލުން ހުޅުވާފައިވަނީ ހޯމަ ދުވަހު އެވެ. ކެރީ ވިދާޅުވީ އެ ހިތާމަވެރި ހާދިސާއަށް ފަހުވެސް އެ ސްކޫލް ހުޅުވުމުގެ ސަބަބުން ޕާކިސްތާން ރައްޔިތުންގެ ހިތްވަރާއި އަޒުމް ފެނިގެން ހިނގައްޖެ ކަމަށެވެ. (އޭޕީ)