13 Jan 2015, 10:30
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން މިއަހަރު ތެރޭ ބާއްވަން ރާވާފައިވާ އަށް މުބާރާތަކާ އެކު މި އަހަރުގެ އިވެންޓް ކަލަންޑަރު އެ އެސޯސިއޭޝަނުން އާންމު ކޮށްފިއެވެ.
އެމްޕީބީއޭ އިން އެ އެސޯސިއޭޝަންގެ އަހަރީ އިވެންޓު ކަލަންޑަރު އާންމު ކޮށްފައި ވަނީ އިއްޔެ އެވެ. އެ އެސޯސިއޭޝަނުން މިއަހަރުތެރޭ ބާއްވަން ރާވާފައިވާ އަށް މުބާރާތުގެ ތެރެއިން ތިން މުބާރާތަކުން ކުޅުންތެރިން ރޭންކް ކުރަން ހަމަޖައްސާފައި ވާއިރު، ބާކީ ފަސް މުބާރާތުގެ އިތުރުން މިއަހަރު ތެރޭ އެ އެސޯސިއޭޝަނުން ޔޫތު ޑިވަލޮޕްމަންޓް ޕްރޮގްރާމެއްވެސް ހިންގަން ވަނީ ރާވާފައެވެ.
މިއަހަރު އެމްޕީބީއޭ އިން ބާއްވާ މުބާރާތްތަކުގެ ތެރެއިން ރޭންކް ކުރަން ހަމަޖެހިފައިވާ މުބާރާތްތަކަކީ ގައުމީ އެއިޓްބޯލް ޗެންޕިއަންޝިޕް 2015 އާއި ގައުމީ ނައިންބޯލް ޗެންޕިއަންޝިޕް 2015 އަދި ގައުމީ 10-ބޯލް ޗެންޕިއަންޝިޕް 2015 އެވެ. އޭގެ ތެރެއިން ގައުމީ އެއިޓްބޯލް މުބާރާތް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ބާއްވަން ރާވާފައި ވާއިރު، އެ މުބާރާތުގެ ކޮލިފައިން ރައުންޑުވެސް ބާއްވަން ހަމަޖެހިފައި ވަނީ އެ މަހުގެ ކުރީކޮޅު އެވެ.
ގައުމީ ނައިންބޯލް ޗެންޕިއަންޝިޕް މޭ މޭހުގެ ތެރޭގައި ބާއްވަން އެ އެސޯސިއޭޝަނުން ރާވާފައި ވާއިރު، ގައުމީ ޓެން ބޯލް ޗެންޕިއަންޝިޕް ބާއްވަން ރާވާފައި ވަނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އަދި އެ ދެ މުބާރާތުގެ ކޮލިފައިން ރައުންޑުތައް އެމްޕީބީއޭއިން ބާއްވަން ރާވާފައި ވަނީ އެ ދެ މަހުގެ ކުރީކޮޅު އެވެ.
އެމްޕީބީއޭ އިން މި އަހަރު ބާއްވަން ހަމަޖައްސާފައިވާ އެންމެ ފުރަތަމަ މުބާރާތަކީ އަންނަ ފެބްރުއަރީ މަހު ފަށަން ހަމަޖައްސާފައިވާ އެސޯސިއޭޝަން އޯޕަން އެއިޓްބޯލް ޗެންޕިއަންޝިޕެވެ. އަދި އެ މުބާރާތައްފަހު އޭޕްރިލް މަހު އެސޯސިއޭޝަން އޯޕަން ނައިންބޯލް ޗެންޕިއަންޝިޕް ބާއްވަން ރާވާފައި ވާއިރު، އެމްޕީބީއޭއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އިންޓަ އޮފިސް ބިލިއާޑް ޗެންޕިއަންޝިޕް ބާއްވަން ރާވާފައި ވަނީ އޮގަސްޓު މަހުގެ ތެރޭގައެވެ.
އޮފީސް މުބާރާތައްފަހު މިއަހަތެރޭ އެމްޕީބީއޭއިން ބާއްވަން ރާވާފައި ވަނީ އެސޯސިއޭޝަން އޯޕަން ޓެން ބޯލް ޗެންޕިއަންޝިޕެވެ. އަދި މި އަހަރުގެ އެންމެ ފަހު މުބާރާތެއްގެ ގޮތުގައި އެމްޕީބީއޭއިން ބާއްވަން ރާވާފައި ވަނީ ނޮވެންބަރު މަހުގެ ތެރޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެސޯސިއޭޝަން ކަޕް ޓެން ބޯލްސް އެވެ.
އެ މުބާރާތް ތަކުގެ އިތުރުން އެމްޕީބީއޭއިން ކުރިއަށް ގެންދަން ރާވާފައިވާ ވައިޑީޕީ ޕްރޮގްރާމް އެ އެސޯސިއޭޝަނުން ފަށަން ހަމަޖައްސާފައި ވަނީ ޖޫން މަހުގެ ތެރޭގައެވެ.