ރާއްޖޭގައި އިންވެސްޓްމަންޓް އެޑްވައިޒަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ބޭރުގެ ފަރާތަކާ ގުޅިގެން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މިއަދު ފަށައިފި އެވެ.

ސީއެމްޑީއޭ އިން މިއަދު ފަށާފައިވާ އިންވެސްޓްމަންޓް އެޑްވައިޒަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ސްރީލަންކާގެ އަޒުލް ކެޕިޓަލްގެ ތަޖުރިބާކާރުންނެވެ.

އިންވެސްޓްމަންޓް އެޑްވައިޒަރުންނަކީ ކެޕިޓަލް މާކެޓުގައި އިންވެސްޓްކުރާ ފަރާތްތަކުގެ ފައިސާ ސެކިއުރިޓީގައި އިންވެސްޓްކޮށް ޕޯޓްފޯލިއޯގެ ބާވަތްތަކުގެ އިންވެސްޓްމަންޓް ތަކުގައި އެ ފައިސާ އިންވެސްޓްކޮށް، އޭގެ ބަދަލު ހޯދައިދިނުމަށް ޓަކައި ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ.

އެގޮތުން ރާއްޖޭގައި އިންވެސްޓްމަންޓް ކުރަން ބޭނުންވާ ފަރާތްތަކާއި ބޭރުގައި އިންވެސްޓްކުރަން ބޭނުންވާ ރާއްޖޭގެ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަކީ އިންވެސްޓްމަންޓް އެޑްވައިޒަރުންނެވެ.

ޕްރޮގްރާމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީއެމްޑީއޭގެ ޑިރެކްޓާ ޖެނެރަލް މަހުޒޫމް ސަލީމް ވިދާޅުވީ މުސްތަގުބަލުގައި ރާއްޖޭގެ އިކޮނޮމީ އިތުރަށް ފުޅާވެގެން ގޮސް އިންވެސްޓްމަންޓްތަކުގައި އިންވެސްޓްކުރަން ބޭނުންވާ ފަރުދުންނާއި ފަންޑުތަކާ އެއްޗެހި އުފެދޭ އިރުގައި އިންވެސްޓްމަންޓް އެޑްވައިޒަރުންނަކީ ވަރަށް މުހިންމުބައެއް ކަމަށެވެ. އެހެންކަމުން މިއަދު ހިންގާ ޕްރޮގްރާމަކި އެބައި ތަރައްގީކުރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ފައިނޭންޝިއަލް ދާއިރާގައި މަސައްކަތް ކުރައްވާ ޖުމްލަ 30 ބައިވެރިންނާ އެކު ފެށި އެ ޕްރޮގްރާމް ތިންދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެ އެވެ.