ވެސްޓަން އޮސްޓްރޭލިޔާގެ ޕޮލިސް ކޮމިޝަނަރު ކާލް އޯ ކެލަޚާން ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި އެވެ.

ފުލުހުން ބުނީ މިމަހުގެ 12 އިން 20 އަށް ކާލް ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި، މިއަދު ހެނދުނު މާލެ ވަޑައިގެންފައިވާ ކަމަށެވެ.

ވެސްޓަން އޮސްޓްރޭލިޔާގެ ޕޮލިސް ކޮމިޝަނަރު ރާއްޖެ އަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ނަމަވެސް މި ދަތުރުފުޅުގައި ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ސަރުކާރުގެ ބައެއް އެހެން އިސް ބޭފުޅުންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ކާލްގެ ދަތުރުފުޅުގައި ދިވެހި ފުލުހުންގެ މަސައްކަތްތައް ބައްލަވާލަވައި ފުލުހުންގެ ޚިދުމަތް މިހާރަށް ވުރެ ތަރައްގީކޮށް ފުޅާކުރުމުގެ ގޮތުންވެދެއްވޭނެ، އެހީތަކާ މެދު މަޝްވަރާ ކުރުމަށް ފުލުހުންގެ އެކި ޑައިރެކްޓްރޭޓް އަދި ކޮމާންޑްތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން މި ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ބޭއްވުމަށް ހަމަޖެހިފައިވާ "ތާސްޑޭ ފޯރަމް"ގައި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާ ވެސްޓަން އޮސްޓްރޭލިޔާގެ ޕޮލިސް ކޮމިޝަނަރު ބައްދަލުކުރައްވާ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ.

ވެސްޓަން އޮސްޓްރޭލިޔާގެ ޕޮލިސް ކޮމިޝަނަރު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންނެވުމުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ސާދިޤް އާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު ރިޓަޔާޑް އަދި ވެސްޓަން އޮސްޓްރޭލިޔާ ޕޮލިސްގައި ޚާއްސަ ކޮންސަލްޓަންޓެއްގައި ގޮތުގައި މަސައްކަތްކުރައްވާ އިބްރާހިމް ލަތީފެވެ.