13 Jan 2015, 09:56
ކުޅިވަރެއް ކަމުގައިވީ ނަމަވެސް އަދި މަސައްކަތެއް ކަމުގައިވީ ނަމަވެސް ދާއިމީ ގޮތެއްގައި އެކަމެއް ކުރިއަށް ގެންދާން ބޭނުންނަމަ، އަދި އެކަމުގެ ފޮނިމީރު ކަން ބޭނުންވާ ނަމަ، އެ ކަމެއް ދިރުވައި އާލާ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ، މުހިއްމު ކަމެކެވެ. ކާބަފައިން ވަނީ އެކަމުގައި އަޅުގަނޑުމެންނަށް ފިލާވަޅުތަކެއް ދަސްކޮށްދީފަ އެވެ. ސަގާފީ ކުޅިވަރުތަކާއި ޒަމާންވީ މަސައްކަތްތައް، އަޅުގަނޑުމެންގެ ތެރޭގައި މިއަދުވެސް ފެނިގެންދާކަމީ، ކާބަފައިން އެކުރި ބުރަ މަސައްކަތުގެ ނަތީޖާ އެވެ.
މިއަދު އަޅުގަނޑުމެންގެ ތެރެއަށް ތައާރަފްވެފައިވާ އެކިއެކި ކުޅިވަރުތައް ދިރުވައި އާލާކުރުމަކީ، އެދުވަހު އަޅުގަނޑުމެންނަށްޓަކައި ކާބަފައިން އެކުރި ބުރަ، މިންނެތް މަސައްކަތްތައް ފަދައިން މިއަދު އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ވޭތުވެ ދިޔަ 15 އަހަރު ރާއްޖޭގައި ބާސްކެޓު ބޯޅައަށް ޚިދުމަތްކޮށްދިން ހުސައިން ހާދީ ނުވަތަ މަޝްހޫރުނަމުން ނަމަ "ކޯޗް ހާޑީ" އަކީ މިދެންނެވި ފަދައިން ފާހަގަކޮށްލެވޭ ނަމޫނާ ޝަހުސިއްޔަތެކެވެ.
ކޯޗް ހާޑީ ވަނީ، ކުޅިވަރުގެ ދާއިރާއިން ޒުވާން ޖީލު ބިނާކުރުމުގައި ލާމަސީލު މިސާލުތަކެއް ދައްކުވައިދީފަ އެވެ. ދެހާސް އެެއް ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގުމުގައި ކޯޗެއްގެ ގޮތުން ހާޑީ ވަނީ ހަރަކާތްތެރި ވެފަ އެވެ. ރާއްޖޭގެ ގައުމީ ހޭންޑްބޯލް ސްކޮޑާއި ބާސްކެޓްބޯލް ސްކޮޑުތައް ތަމްރީނު ކުރުމުގައި އިސް ދައުރެއް އަދާ ކުރުމުގެ އިތުރުން، އޭނާ އަންނަނީ ސްކޫލް ފެންވަރުގައި ވެސް އޭނާގެ ހުނަރާއި ތަޖުރިބާ ޒުވާން، އާ ކުޅުންތެރިންނަށް އުނގަންނައިދެމުންނެވެ.
ހާޑީ ބުނި ގޮތުގައި ސްކޫލްދައުރުން ފެށިގެން ކުޅިވަރުތައް ކުޅުމަށް ހިތުގައި އުފެދުނު ޝައުގުވެރިކަމެއްގެ ސަބަބުން 1997 ވަނަ އަހަރު ބާސްކެޓު ބޯޅައިގެ ތެރެއަށް އޭނާއަށް ވަދެވުނެވެ. ދެވަނަ ޑިވިޝަންގައި ވެލެންސިއާއަށް ކުޅެދިނުމަށް ފަހު އޭނާ ވަނީ ފުރަތަމަ ޑިވިޝަނަށް ވެސް ކުޅެފައި އެވެ. ފުރަތަމަ ޑިވިޝަންގެ ހިޒް ކްލަބަށް ކުޅެދެމުން ދަނިކޮށް އެ ކްލަބު އުވާލުމުން އޭނާ ވަނީ އަނެއްކާ ވެސް ދެވަނަ ޑިވިޝަނަށް ބަދަލުވެފަ އެވެ. މިފަހަރު މުޅިން ތަފާތުގޮތަކަށެވެ. ކޯޗަކަށް ބަދަލުވެ ބާސްކެޓު ބޯޅަ ދިރުވައި އާލާކުރުމުގެ ގޮތުން އެ ކުޅިވަރު ޒުވާނުންނަށް އުނގަންނައިދިނުމުގެ މަސައްކަތް އޭނާ ފެށިއެވެ.
ކުޅިވަރު ދިރުވައި އާލާކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ އަޅުގަނޑުމެންގެ ތެރޭގައި ހެދިބޮޑުވަމުން އަންނަ ޒުވާން ޖީލަށް އެ ކުޅިވަރުތައް އުނގަންނައިދިނުމެވެ. ކުޅިވަރަށް ޝައުގުހުރި ޒުވާން ކުދިން އެކި ކުޅިވަރުތަކުގެ ތެރެއަށް ވެއްދުމުގެ ބުރަ މަސައްކަތް ހާޑީ ކުރަމުން އަންނަނީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކިގެންނެވެ.
"ބޮޑަށް ޝައުގުވެރިވަނީ އާ ކުޅުންތެރިންނާއެކު މަސައްކަތް ކުރަން. އާ ކުޅުންތެރިން ހޯދައިގެން އެ ކުޅުންތެރިން މި ގޭމްގެ ތެރެއަށް ވައްދަން. ޒުވާން، އާ ކުޅުންތެރިންނަށް އަބަދުވެސް އިސްކަން ދޭނަން. އެއީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ ގައުމީ ވާޖިބެއް. ކްލަބް ތަކަށްވުރެ ބޮޑަށް ވައިޑީޕީއަށް އަދިވެސް އިންޓްރެސްޓު ހުރޭ،" ހާޑީ ބުންޏެވެ.
ތަޖުރިބާކާރު ކޯޗުން ނަތީޖާ ނެރެނީ ތަޖުރިބާކާރު ކުޅުންތެރިންނާ އެކު އެވެ. ނަމަވެސް އާ ކުޅުންތެރިންނާ އެކު ނަތީޖާ ނެރުމަކީ ވަރަށް މަދު ކޯޗަކަށް ނޫނީ ނުކުރެވޭނެ ކަމެކެވެ. އެކަމާމެދު އެހެން އެއްވެސް މީހަކު ފަޚުރުވެރި ނުވިޔަސް މާފަންނު މަދަރުސާ ހަމަގައިމުވެސް ހާޑީ އާމެދު ފަޚުރުވެރި ވާނެކަން ޔަގީނެވެ. އެ ސްކޫލްގެ ތާރީޚުގައި ވެސް އެންމެ ފުރަތަމަ ފަހަރަށް އިންޓަ ސްކޫލް މުބާރާތަކުން ތައްޓެއް ހާސިލްކުރެވިފައި ވަނީ 2009 ވަނަ އަހަރު ބޭއްވި ބާސްކެޓް މުބާރާތުގައި ހާޑީގެ ކޯޗުކަމުގެ ދަށުން އެ ސްކޫލްގެ އަންހެން ޓީމަށެވެ.
މާފަންނު މަދަރުސާގެ އިތުރުން 2003 ވަނަ އަހަރުން ފެށިގެން ކަލާފާނު ސްކޫލްގެ ބާސްކެޓް ޓީމްވެސް އަންނަނީ ހާޑީގެ ކޯޗުކަމުގެ ދަށުން ފާހަގަ ކޮށްލެވޭ ވަރުގެ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން އެ އަހަރަށް ފަހު މެދު ކެނޑިގެން ދިޔަ އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތް 2009 ވަނަ އަހަރު އަނެއްކާ ވެސް ކުރިއަށް ގެންދަން ފެށީއްސުރެ މިހާހިސާބަށް އެ ސްކޫލްގެ ބާސްކެޓް ޓީމްގެ ކޯޗުކަން ކޮށްދެމުން އަންނަނީ ހާޑީ އެވެ. އަދި 2009 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް ކޮންމެ އަހަރަކު ވެސް އެ ސްކޫލްގެ ބާސްކެޓް ޓީމް އިންޓަ ސްކޫލް ބާސްކެޓް މުބާރާތުގެ ފައިނަލްގައި ކުޅެފައިވާ އިރު، މިދިޔަ އަހަރުގެ އިންޓަ ސްކޫލް މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން މުބާރާތް އެ ސްކޫލް ވަނީ ކާމިޔާބު ކޮށްފަ އެވެ.

ބާސްކެޓް ރެފްރީ ކަމުގެ ކޯސް 2011 ވަނަ އަހަރު ހެދި، ހާޑީ ވަނީ އެ ކޯހުގެ ހުރިހާ ދާއިރާއަކުން ފާސްވެ، އެ އަހަރު ފީބާ ލެވަލް އެކެއްގެ ކޯސް ފުރިހަމަ ކޮށްފައެވެ. އެހެން ކަމުން ބައިނަލްއަގްވާމީ ފެންވަރެއްގެ ރެފްރީއަކަށް ވުމުގެ އިތުރުން އޭނާ ވަނީ މިދިޔަ އަހަރު ހޭންޑްބޯލް ކޯޗިންގް ކޯސްވެސް ހަދާފަ އެވެ. ހާޑީ ބުނިގޮތުގައި ހޭންޑްބޯލް އަށް އޭނާ ޝައުގުވެރިވީ އެ ކުޅިވަރަކީ ރާއްޖެއަށް ފުދޭވަރަކަށް އާ ކުޅިވަރެއް ކަމަށް ވުމުން އެ ކުޅިވަރު ތަޖުރިބާ ކޮށްލަން ބޭނުންވާތީ އެވެ.
"ހޭންޑްބޯލް އަށް ވަދެވުނީ އޮލިމްޕިކް ސޮލިޑަރިޓީ ގޭމްސްގައި ލެވަލް އެކެއްގެ ކޯޗިންގް ކޯހަކުން ފުރުސަތު ލިބުމުން. ދެން ބޭނުންވީ އެ ކުޅިވަރުގެ ގޮތް ބަލާލަން. އެއަށް ބޮޑަށް ޝައުގުވެރިކަން އުފެދުނީ އެ ކުޅިވަރާ ބާސްކެޓާ އެއްކަހަލަ ސިފަތަކެއް ހުރުމުން. ޓްރެއިން ކުރުމުގައި ވެސް، ސްކިލް ތަކާއި ޓެކްނިކަލް ކަންކަމުގައި ވެސް ބާސްކެޓާ ހޭންޑްބޯލްއާ ވަރަށް އެއްގޮތް. އެގޮތުން އަޅުގަނޑަށް އެ ކުޅިވަރުގެ ތެރެއަށް ވަދެވުނީ،" ހާޑީ ބުންޏެވެ.

"ޕާކިސްތާނުގައި ބޭއްވި އައިއެޗްއެފް މުބާރާތަކީ ވަރަށް ގިނަ ތަޖުރިބާ ލިބުނު މުބާރާތެއް. އެ މުބާރާތުގައި ކޯޗެއްގެ ގޮތުން ބައިވެރި ވުމުގެ އިތުރުން ކޯޗިންގް ކޯހެއް ހަދަންވެސް ފުރުސަތު ލިބުނު،" ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ކޯޗު ބުންޏެވެ.
ރާއްޖޭގެ ގައުމީ ޓީމްތައް މެޗުތައް ކުޅޭއިރު "މިފަހަރު ވެސް ވާނީ ބަލި"، މިހެން ބުނެލާ މީހުން މިހާރު ވެސް މަދެއް ނުވާނެ އެވެ. ނަމަވެސް ގައުމީ ޓީމަކަށް ރަނގަޅު ނަތީޖާއެއް ހޯދިއްޖެ ނަމަ އެކަމުގެ އުފަލުގައި އެފަދަ އެންމެން ވެސް ބައިވެރިވާނެ ކަމީ ފެންނަންހުރި ހަގީގަތްތަކެވެ. ވިސްނާލަން ޖެހޭ ކަމަކީ އެފަދަ ކާމިޔާބީތައް ހޯދުމުގައި ބަޔަކު އަގުނުކުރެވޭފަދަ ގުރުބާނީތަކެއް ވާކަމެވެ.
ހުނަރުވެރި ކުޅުންތެރީންތަކެއްގެ މައްޗަށް އެކުލެވޭ ޖީލެއް ބިނާކުރުމަށް ހާޑީމެން ފަދަ ހިތްވަރުގަދަ، އެ ކަމާ މެދު ޝައުގުވެރިކަން ހުރި ބަޔަކު މި ދިވެހި ފަސްގަނޑުގައި އުފެދެން އެބަ ޖެހެ އެވެ. ޒުވާން، އާ ކުޅުންތެރިން ހުނަރުވެރި ފަހުލަވާނުންނަށް ހަދައި، ރާއްޖޭގައި އަލަށް އުފަންވާ ކުޅިވަރުތައްވެސް ދިރުވަން މަސަކަތްކުރާން ބަޔަކު ނުކުންނާން އެބަ ޖެހެ އެވެ. ކޯޗު ހާޑީ ފަދައިން ޒުވާން ޖީލު ބިނާކޮށް ތަރުބިއްޔަތު ކުރުމުގައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ނަމޫނާ ދައްކަން އެބަޖެހެ އެވެ.