މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ޖުނާ ފުޓްބޯލް ޗެލެންޖް 2014-2015 ގެ ޗެންޕިއަންކަން ފްރެންޑްސް ކްލަބް ހޯދައިފިއެވެ.

ޗެންޕިއަން ޓީމަށް ފައިސާގެ އިނާމްގެ ގޮތުގައި 200،000 ރުފިޔާ ހުށަހަޅާފައިވާއިރު އެ މުބާރާތުގެ ޗެންޕިއަންކަން ފްރެންޑްސް ކްލަބް ހޯދީ އިއްޔެ ހަވީރު ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗުގައި އެމްސީ ޔުނައިޓަޑާ ބައްދަލުކޮށް، 2-1 ގެ ނަތީޖާއަކުން އެ ޓީމްގެ މައްޗަށް ކުރި ހޯދައިގެނެވެ.

މުބާރާތުގެ ޗެންޕިއަން ޓީމަށް ތައްޓާއި ފައިސާގެ އިނާމް ހަވާލު ކޮށްދެއްވީ ފައިނަލް މެޗަށް ފަހު ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި އެ މެޗުގެ ޝަރަފްވެރި މެހެމާން އަދި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު އެވެ. އެ ރަސްމިއްޔާތުގައި ޗެންޕިއަން ޓީމްގެ އިތުރުން މުބާރާތުގައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ވަނީ އިނާމް ދެއްވާފައެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެމްސީ ޔުނައިޓަޑްގެ އަބްދުލް ވާހިދު އިބްރާހިމް އެވެ. އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ދަ ފޭދޫ ސްޕޯޓްސްގެ އަލީ ނާފިއު އެވެ. އަދި އެ މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިއަކަށް ފްރެންޑްސް ކަލްބުގެ މުހައްމަދު ސިޔާމު ހޮވުނު އިރު، މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ދަ އައިލެންޑް ކޮމިއުނިޓީ އެވެ.

އެ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ ފްރެންޑްސް ކްލަބުގެ ތޮލާލް ހަސަން އެވެ. މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް އެމްސީ ޔުނައިޓަޑްގެ ހުސައިން ޝަރީފް ހޮވުނު އިރު، އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މާގާމްވެސް ހޯދި އެމްސީ ޔުނައިޓަޑްގެ އަބްދުލް ވާހިދު އިބްރާހިމް އެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ މިދިޔަ ސީޒަންގައި މާޒިޔާ ސްޕޯޓްސް ކްލަބަށް ކުޅެދިން ބިދޭސީ ކުޅުންތެރިޔާ އަބޫ ޑެސްމަންޑް މަންސާރީ އެވެ.

ޗެންޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވާ 200،000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން އެ މުބާރާތުގެ ރަނަރަޕް ޓީމަށްވެސް ވަނީ ފައިސާގެ އިނާމްގެ ގޮތުގައި 75،000 ރުފިޔާ ދީފައެވެ. މީގެ ކުރިން ގްލޯބަލް ލިންކްސް ޗެލެންޖް ކަޕްގެ ނަމުގައި އައްޑޫގައި ބާއްވަމުން އައި އެ މުބާރާތް ރީބްރޭންޑްކޮށް، މިފަހަރު ބާއްވާފައި ވަނީ ޖުޏާ ފުޓްބޯލް ޗެލެންޖުގެ ނަމުގައެވެ.