13 Jan 2015, 09:33
ވޮޝިންޓަން (ޖަނަވަރީ 13): އިރާގާއި ސީރިޔާގެ ބޮޑުބައެއްގައި ހަރަކާތްތެރިވަމުންދާ އައިއެސް ޖާމާއަތުން އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑްގެ ޓްވިޓަރ އެކައުންޓާއި ޔޫ ޓިއުބް އެކައުންޓްތައް ހެކް ކުރިނަމަވެސް އެކޮމާންޑްގެ ޑޭޓާބޭހަށް ހެކަރުންނަށް ނުވަދެވޭކަމަށް ޕެންޓަގަން އިން ބުނެފި އެވެ.
ޕެންޓަގަން އިން ބުނީ މިއީ އެމެރިކާ އަށް ލަދުވެތި ކަމެއް ނަމަވެސް އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް އައިއެސްގެ ހެކަރުންނަށް ކުރެވިފައިނުވާ ކަމުގަ އެވެ. ޕެންޓަގަންގެ މަސްއޫލުވެރިއަކު ވިދާޅުވީ، އައިއެސް އަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ޑޭޓާބޭސް ހެކް ނުކުރެވޭ ކަމަށާއި އެޖަމާއަތަށް ހެކްކުރެވުނީ ސެންޓްރަލް ކޮމާންޑްގެ ޓުވިޓާ އެކައުންޓާއި ޔޫޓިއުބް އެކައުންޓް ކަމުގަ އެވެ. މިކަމުގެ ސަބަބުން އެމެރިކާ ސިފައިންގެ ސިއްރު އެއްވެސް މަޢްލޫމާތެއް އައިއެސްގެ އަތްދަށަށް ނުދާކަމަށް ޕެންޓަގަންއިން ބުނެ އެވެ.
އައިއެސް އިން ބުނީ އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑްގެ ޓުވިޓާ އެކައުންޓާއި ޔޫ ޓިއުބް އެކައުންޓް މިހާރު ވަނީ އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާ މިއޮޕަރޭޝަން ހިންގީ އެޖަމާއަތުގެ ސައިބަރ ހަނގުރާމަވެރިން ކަމުގަ އެވެ.
ވައިޓްހައުސް ގެ ތަރްޖަމާން ޖޯން އާނެސްޓް ވިދާޅުވީ، އައިއެސްއިން އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ބައެއް އެކައުންޓްތައް ހެކްކުރި މައްސަލަ ބަލަމުންދާ ކަމަށާއި މިކަމާބެހޭ ގޮތުން އަޅަންވާ ފިޔަވަޅުތައް ރައީސް ބަރަކް އޮބާމާގެ ސަރުކާރުން އަޅަމުންގެންދާނެ ކަމުގަ އެވެ.
އައިއެސްއިން އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ބައެއް އެކައުންޓްތައް ހެކްކޮށް އޭގެ ކޮންޓްރޯލް ހޯދާފައިމިވަނީ ސައިބާ ސެކިއުރިޓީއާ ބެހޭ ގޮތުން ޚިތާބެއް ދެއްވުމަށް ރައީސް ބަރަކް އޮބާމާ ތައްޔާރުވެ ވަޑައިގަންނަވަމުންދާ ވަގުތެއްގަ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ، އައިއެސް ގެ މި އަމަލާ ގުޅިގެން ސައިބާ ސެކިއުރިޓީއާ ބެހޭ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވަގުތުން އަޅާފައިވާނެ ކަމަށާއި އެކޮމާންޑްގެ ޓްވިޓަރ އެކައުންޓް ވަގުތީގޮތުން ބަންދުކޮށްފައިވާ ކަމުގައެވެ. އަދި އެކައުންޓްތައް ހެކްކުރުމާއި ޑޭޓާބޭސް ހެކްކުރުމަކީ ތަފާތު ދެކަމެއްކަމަށާއި ސެންޓްރަލް ކޮމާންޑްގެ ޑޭޓާބޭސް ހުރީ ސަލާމަތުންކަމަށް ވެސް އެކޮމާންޑުން ބުނެ އެވެ.
އައިއެސްއިން ބުނީ "ސައިބަރ ޚިލާފަތު" ގެ ޝިއާރުގެ ދަށުން އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ އެކައުންޓްތައް ހެކްކުރީ އެޖަމާއަތުގެ ސައިބަރ "މުޖާހިދުން" ކަމުގަ އެވެ. އަދި އެމެރިކާ ސިފައިންގެ ކުރިއާއި މިހާރުގެ އަސްކަރީ އޮފްސަރުންނާބެހޭ ބައެއް ޑޭޓާއާއި އަސްކަރީ ލިޔެކިޔުންތައް މި ސައިބާ އޮޕަރޭޝަންގައި އަތްދަށުލެވިފައިވާ ކަމަށްވެސް އައިއެސްއިން ބުނެފައިވެ އެވެ.
އައިއެސް ޖަމާއަތަކީ އިރާގާއި ސީރިޔާގެ މުސްލިމުންނާއި ބައިމަދު އެހެން ދީންތަކާއި ނަސްލުތަކުގެ މީހުންނާ ދެކޮޅަށް ބަދަލު ހިފުމުގެ ރޫހެއްގައި ހަރަކާތްތެރިވަމުންދާ ހައްދު ފަހަނަޅާފައިވާ ޖަމާއަތެކެވެ. މިޖަމާއަތުގެ އަނިޔާވެރިކަން ތަހައްމަލް ކުރަންޖެހިފައި ވަނީ އިރާގާއި ސިރިޔާގެ ރައްޔިތުންނަށެވެ. މިޖަމާއަތް ވުޖޫދަށް އައިސްފައި ވަނީ އެމެރިކާ ސިފައިން އިރާގަށް ގަދަބާރުންއަރައި ހިންގި ހަރުކަށި އަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް މުޙައްލިލުން ބުނެ އެވެ. (ނޫސްއެޖެންސީތައް)