ޕިޝާވަރު (ޖަނަވަރީ 12) : ޕާކިސްތާނުގެ ތާލިބާނުން ގަތްލުއާންމު ހިންގި އަސްކަރީ ސްކޫލުގެ ކިޔެވުން އިއްޔެ އަލުން ފަށައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ތާލިބާނުން ހިންގި ގަތްލުއާންމުން ސަލާމަތްވި ދަރިވަރުން އިއްޔެ އަލުން ކިޔެވުން ފަށާފައިވާ އިރު ކިޔަވާކުދިންގެ މޫނުތަކުން ފެންނަނީ އެކީގައި ކިޔެވި ކުދިން އަނިޔާވެރި ގޮތަކަށް މަރާލި ކަމުގެ ހިތާމައާއި ބިރުވެރިކަމާއި ހާސްކަމާއި މާޔޫސް ކަންކަމަށް ރިޕޯޓްތައް ބުނެ އެވެ. ޕާކިސްތާނުގެ ސިފައިން ހިންގާ އެ ސްކޫލްގެ ތެރެއަށް ތާލިބާން ހަނގުރާމަވެރިން ވަދެ، ޑިސެމްބަރ ސޯޅަވަނަ ދުވަހު ހިންގި ގަތްލުއާންމުގައި ސަތޭކަ ސާޅީހަށްވުރެ ގިނަ މީހުން މަރާލާފައިވާއިރު އޭގެ ތެރޭގައި ސަތޭކަ ތިރީސް ހަތަރު ދަރިވަރުން ހިމެނެ އެވެ. ޕާކިސްތާނުގެ ޕިޝާވަރުގައި ހިންގަމުންދާ އެ ސްކޫލްގެ ގަތްލުއާންމަށްފަހު އަދި މިއަދާހަމައަށްވެސް އެ ސިޓީގެ ސަލާމަތީކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ.
ޕާކިސްތާނު ސިފައިންގެ ވެރިޔާ ޖެނެރަލް ރަޙީލް ޝަރީފް ވަނީ، ޕިޝާވަރަށް ވަޑައިގެން، ޑިސެމްބަރުގެ ޙަމަލާއިން ސަލާމަތްވި ކިޔަވާކުދިންނާ ބައްދަލު ކުރައްވާފައެވެ. އެ ޙަމަލާއިން ސަލާމަތްވި ކުދިންގެ ތެރޭގައި މިހާރުވެސް ތާލިބާނުންގެ ހިންގި ގަތުލުއާންމުގައި ވެފައިވާ ޒަޚަމްތަކަށް ފަރުވާ ހޯދަމުންދާ ކުދިން ހިމެނެއެވެ. ސްކޫލަށް ބަލާލުމުން ފެންނަނީ ބެލެނިވެރިންނާ ދަރިވަރުން ރޯމަންޒަރު ކަމަށް މުރާސިލުން ސިފަކުރެއެވެ. ޕާކިސްތާނު ސިފައިންގެ އިސް އޮފްސަރުން ވަނީ އެސްކޫލްގެ ކިޔެވުން ފެށުމުގެ ގޮތުން އިއްޔެ ބޭއްވި އެސެމްބްލީގައި ބައިވެރިވެވަޑައިގެންފަ އެވެ.

ނަމަވެސް ތާލިބާނުންގެ ގަތްލުއާންމުގައި މަރުވެދިޔަ ކުދިންގެ ތެރެއިން ބައެއް ކުދިންގެ މައިންބަފައިން މި ބައްދަލުވުމުގައި ބައިވެރިވެފައެއް ނުވެ އެވެ. އެމީހުން ދެކޭގޮތުގައި އަނބުރާ ސްކޫލަށް ދިއުމަކީ އެމީހުންގެ ހިތުގައި މިހާރު އަޅަމުންދާ ވޭންތައް އިތުރުވެ ކެތްކުރެވޭވަރުގެ ކަމެއްނޫނެވެ. ތާލިބާނުންގެ މިގަތްލު އާންމުގައި އެއްވެސް ރަހުމެއްނެތި ސަތޭކަ ތިރީސް ހަތަރު ކުދިން މަރާލާފައިވާއިރު މިއީ ޕާކިސްތާނުގެ ތާރީޚުގައި ކިޔަވާ ކުދިންތަކަކާ ދެކޮޅަށް ހިންގި އެންމެ އަނިޔާވެރި ޖަރީމާކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ. (ނޫސްއެޖެންސީތައް)