13 Jan 2015, 01:50
ޒިއުރިކް (އޭޕީ) – ފީފާއިން ހޮވާ 2014 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ފީފާ ބެލޮންޑޯ އެވޯޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބިއްޖެ އެވެ. މިފަހަރުގެ އެވޯޑާއެކު ޖުމުލަ ތިންފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރޮނާލްޑޯއަށް ލިބިފައިވާއިރު މިއީ އެ މަގާމު ޖެހިޖެހިގެން އޭނާއަށް ލިބުނު ދެވަނަ ފަހަރެވެ.
ރެއާލް މެޑްރިޑް އަދި ޕޯޗްގަލްގެ ފޯވާޑް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި މިވަނީ، ކުރިން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޖުމުލަ ހަތަރު ފަހަރު ހޯދާފައިވާ، ބާސެލޯނާ އަދި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާއި ޖަރުމަނުގެ ގޯލްކީޕަރު މެނުއަލް ނޮޔާ ފަހަތަށް ޖައްސާލުމަށްފަހު އެވެ.
ފީފާ ބެލޮންޑޯ އެވޯޑް ދެނީ، ފީފާގައި ހިމެނޭ 209 މެންބަރު ގައުމުތަކުގެ ގައުމީ ޓީމުގެ ކެޕްޓަނުންނާއި ކޯޗުންގެ އިތުރުން ހޮވައިލެވޭ ނޫސްވެރީންތަކެއް ވޯޓު ދީގެން ނެވެ. އެގޮތުން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ގައުމީ ކޯޗު ޑްރާގޯ މަމިޗް ވެސް ވޯޓު ދިނީ ރޮނާލްޑޯ އަށެވެ.
" ދުނިޔޭގައި އުފެދުނު އެންމެ މޮޅުކުޅުންތެރިޔާއަށް ވާން އަހަރެން ބޭނުން،" އޭނާގެ އެކްސެޕްޓެންސް ސްޕީޗްގައި ރޮނާލްޑޯ ބުނެފައިވެ އެވެ. "އަހަންނަށް އެނގޭ އެހިސާބަށް ވާސިލުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރާން ޖެހޭކަން. އެކަން ހާސިކުރެވޭނޭ ކަމަށް އަހަރެން އުންމީހުކުރަން."
ރޮނާލްޑޯއަށް ވަނީ މިފަހަރުގެ ޖުމުލަ ޕޮއިންޓުގެ 37.66 އިންސައްތަ ވޯޓު ލިބިފައެވެ. އެއީ އޭނާއާ އެންމެ ގާތުން ޕޮއިންޓު ހޯދި މެސީއަށް ލިބުނު ޕޮއިންޓަށްވުރެ ދެގުނަ އިތުރު އަދަދެކެވެ. މެސީއަށް ލިބިފައިވަނީ 15.76 އިންސައްތައެވެ.
ޖަރުމަނުގެ ގައުމީ ޓީމާއެކު މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް، ބަޔާން މިއުނިކާއެކު ޖަރުމަނު ލީގު ކާމިޔާބުކުރި ނޯޔާއަށް ލިބިފައިވަނީ 15.72 އިންސައްތައެވެ. ވޯޓު ދިން ފަރާތްތަކުން އެންމެ މަތިން ވޯޓު ދީފައިވާ ތިން ކުޅުންތެރީން ހޮވާފައިވަނީ، 23 ކުޅުންތެރީންގެ ދިގު ލިސްޓަކުންނެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރޮނާޑޯ ދަމަހައްޓާފައި މިވަނީ، މިދިޔަ އަހަރު، ރެއާލް މެޑްރީޑާއި ޕޯޗްގަލްގެ ގައުމީ ޓީމަށް ޖުމުލަ 61 ލަނޑު ކާމިޔާބުކޮށްދީގެންނެވެ. ވޯލްޑް ކަޕްގައި ހިތްދަތި ގޮތަކަށް މުބާރާތުން ކެޓި ނަމަވެސް، ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ކާމިޔާބުކުރި 17 ލަނޑާއެކު ރެއާލް މެޑްރިޑް ވަނީ، 10 ވަނަ ފަހަރަށް އެ މުބާރާތް ކާމިޔާބުކޮށްފައެވެ.
ރޮނާލްޑޯގެ މޫނުމަތިން މިހައަހަރު ފެނުނު އުފާވެރިކަމަށް ވުރެ ބޮޑު އުފާވެރިކަމެއް، މެސީގެ ހަތަރު އަހަރުގެ މޮޅުކުޅުންތެރިޔާގެ މަގާމު ނިމުމަކަށް ގެނެސް މިދިޔަ އަހަރު އެ އެވޯޑު ހާސިލް ކުރި އޭނާގެ މޫނުމަތިން ފެނިފައިވެއެވެ. ފީފާ ބެލަންޑޯ އެވޯޑް ރޮނާލްޑޯއަށް އެންމެ ފުރަތަމަ ލިބިފައިވަނީ، އޭނާ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނުއިރު 2008 ވަނަ އަހަރު އެވެ.
ފްރާންސްގެ ކުރީގެ ފުޓްބޯޅަ ތަރި ތިއެރީ އޮންރީގެ ދުލުން ރޮނާލްޑޯގެ ނަން އިއުލާނުކުރުމާއެކު، ރޮނާލްޑޯ އޭނާގެ ދެލޯ މަރާލައި ބޯ ތަޅުވާލުމަށްފަހު ހިނިތުންވުމާއެކު ސްޓޭޖާ ދިމާއަށް ހިނގައިގަތެވެ.
"މިއީ ހަނދާން ނެތިގެން ނުދާނޭ އަހަރެއް،" ފުން ނޭވާއެއް ލުމަށްފަހު ރޮނާލްޑޯ ބުންޏެވެ.
މިދިޔަ މަހުގައި ރެއާލްއަށް ކްލަބް ވޯލްޑްކަޕް ކާމިޔާބުކުރުމުގައި ވެސް އެހީތެރިވެދިން އުމުރުން 29 އަހަރުގެ ފުޓްބޯޅަ ތަރި ވަނީ، އޭނާގެ އަމިއްލަ ރަށް މެޑެއިރާގައި އޭނާގެ ސްޓެޗޫއެއް ބަހައްޓާފައެވެ.
ޕޯޗްގަލް ކެޕްޓަނެއްގެ ހައިސިއްޔަތުން ރޮނާލްޑޯ އޭނާގެ ޓޮޕް ތިނެއްގައި މެސީ ހިމަނާފައި ނުވާއިރު އާޖެންޓީނާގެ ކެޕްޓަނެއްގެ ހައިސިއްޔަތުން މެސީވެސް އޭނާގެ ތިން ކުޅުންތެރީންގެ ލިސްޓުގައި ރޮނާލްޑޯގެ ނަން ހިމަނާފައެއް ނުވެއެވެ. އަދި ނޯޔާގެ ނަންވެސް ހިމަނާފައެއް ނުވެއެވެ. އެގޮތަށް ވޯޓުދިނުން މިހާރު ވަނީ، ބެލަންޑޯގެ ސަގާފަތަކަށް ވެފައެވެ.
ފީފާ އެވޯޑް ނައިޓްގައި މިރޭ ނޯޔާއަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ނުލިބުނު ނަމަވެސް ޖަރުމަނަށް ވަނީ ތިން އެވޯޑެއް ލިބިފައެވެ. އެގޮތުން އަހަރުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ، ޖަރުމަނު ގައުމީ ފިރިހެންޓީމުގެ ކޯޗު ޔަކިމް ލޯއެވެ. އަދި އަންހެން ފުޓްބޯޅަ ޓީމުގެތަކުގެ ކޯޗުންގެ ތެރެއިން އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ، ޖަރުމަނަށް އަންހެނުންގެ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު ރަލްފް ކެލާސްމަން އަށެވެ.
މީގެ އިތުރުން ދުނިޔޭގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އެންމެ ފަހުން ހޯދި އެމެރިކާގެ އެބީ ވެމްބަޓާއި ބްރެޒިލްގެ މާރްޓާ ފަހަތަށް ޖައްސާލުމަށްފަހު އެ އެވޯޑް ހާސިލްކުރީ ޖަރުމަނުގެ މިޑްފީލްޑަރު ނެދީން ކީސްލާ އެވެ.