ސްރީ ލަންކާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ބަލިވެވަޑައިގަތުމާ ގުޅިގެން ބަޣާވާތެއް ގެންނަން އެމަނިކުފާނު އުޅުއްވި ކަމަށް ތުހުމަތުކޮށް ދެކެވޭ ވާހަކަތައް، ރާޖަޕަކްސަގެ "ދަ ސްރީ ލަންކާ ފްރީޑަމް ޕާޓީ" (އެސްއެލްއެފްޕީ) އިން ދޮގުކޮށްފި އެވެ.

ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޕްރޮފެސަރު ޖީއެސް ޕީރީސްއާ ހަވާލާދީ ކޮލަމްބޯ ގެޒެޓުން ބުނީ، ރިޔާސީ އިންތިހާބު ކުރިއަށްގެންދިޔަ ދުވަހުގެ ރޭ، ރާޖަޕަކްސަގެ އަރިހުގައި ޕީރީސް ހުންނެވި ކަމަށެވެ. އަދި ގަދަކަމުން ވެރިކަމުގެ ބާރުތައް ދަމައިގަތުމުގެ ވިސްނުމެއް ރާޖަޕަކްސަ ގެންގުޅުއްވާފައި ނުވާކަމަށް ވެސް ޕީރީސް ވިދާޅުވި އެވެ.

ޕީރީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުން ބަލިވެވަޑައިގަތުމާއެކު، ރާޖަޕަކްސަ ވަނީ، ރީތިގޮތުގައި ވެރިކަމުގެ ބާރުތައް ދޫކުރައްވާފައި ކަމަށާއި އެކަމަށްޓަކައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީވެސް ރާޖަޕަކްސައަށް ފޯނުން ގުޅުއްވައި ތައުރީފުކުރައްވާފައި ވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ރާޖަޕަކްސަގެ މައްޗަށް ކުރިހޯއްދެވި، މައިތުރިޕާލަ ސިރިސޭނާގެ ސަރުކާރުން ބުނެފައިވަނީ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ބާޣާވާތަކުން ވެރިކަމުގެ ބާރުތައް ދެމެހެއްޓުމަށް މަސައްކަތްކުރައްވާފައި ވާކަމަށް ރާޖަޕަކްސައާއި އޭނާގެ ޑިފެންސް ސެކްރެޓަރީ ގޮޓަބަޔާ ރާޖަޕަކްސަގެ މައްޗަށް ކުރެވޭ ތުހުމަތުތައް ބެލުމަށް ހާއްސަ ތަހުގީގުތަކެއް ކުރިއަށް ގެންދާނޭ ކަމަށެވެ.

ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ޕާލިމެންޓޭރިއަން އަދި ސިރިސޭނާގެ އާ ކެބިނެޓްގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރަކަށް ހަމަޖައްސަވާފައިވާ މަންގަލަ ސަމަރަވީރާ ވިދާޅުވެފައި ވަނީ، ސިރިސޭނާއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ހުރަސް އެޅުމަށްޓަކައި އެގައުމުގެ ފުލުހުންނާއި، ސިފައިންނަށް އޭރުގެ ސަރުކާރުން ވަރަށް ބޮޑަށް ޕްރެޝަރު ކުރިކަމަށެވެ.

އޭނާ ވިދާޅުވީ، ފުލުހުންނާ ސިފައިވަނީ، ރާޖަޕަކްސަގެ އެ އެދިވަޑައިގަތުމަށް ފާޅުގައި ދެކޮޅު ހަދާފައި ކަމަށާއި، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް މަގުފަހިކޮށްދީފައިވާތީ ފުލުހުންނާއި ސިފައިންނަށްޓަކައި ގައުމު ފަހުރުވެރިވާ ކަމަށެވެ.