12 Jan 2015, 23:50
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު މުލީއާގެއިން ފެނުނު ރާފުޅިތަކުގެ ތަފްސީލު މައުލޫމާތު ހިއްސާ ކުރުމަށް އެދި އަމިއްލަ ފަރާތަކުން ކުރީގެ ރައީސް ނަޝީދަށް ސިޓީއެއް ފޮނުވައިފި އެވެ.
ނަޝީދަށް އެޑްރެސްކޮށް އަމިއްލަ ފަރާތުން ފޮނުވާފައި ވާ އެސިޓީގައި ބުނެފައި ވަނީ 7 ފެބުރުއަރީ 2012 ވަނަ ދުވަހު މުލީއާގެއިން ފެނުނު ރާފުޅިތަކުގެ މައުލޫމާތު ހިއްސާކުރުމަށެވެ.
"މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން 7 ފެބުރުއަރީ 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވި ގެކޮޅު ކަމައްވާ މުލިއާގެއިން ފެނުނު ރާފުޅިތަކުގެ ތަފްސީލު މައުލޫމާތު ލިބޭނެގޮތް ހައްދަވައިދެއްވުން އެދި ދެންނެވީމެވެ." ސިޓީގައި ބުނެފައިވެ އެވެ.
'ސަން' އަށް އެގިފައި ވާ ގޮތުގައި އެދުވަހު މުލީއާގެއިން ފެނުނު ރާފުޅިތަކުގެ މައުލޫމާތު ހިއްސާކުރުމަށް އެދި ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމަށް އެ ފަރާތުން ވަނީ ހަމަ މިއަދު ސިޓީ ފޮނުވާފައެވެ.
އަމިއްލަ ފަރާތަކުން މުލިއާގެއިން ފެނުނު ރާފުޅިތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް އެދި ކުރީގެ ރައީސް ނަޝީދަށް ސިޓީ ފޮނުވާފައި ވާއިރު، މައުލޫމާތު ހޯދައި ލިބިގަތުުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސް ޔާމިންގެ އެންމެހާ ހަރަދުތަށް އޮޅުންފިލުވުމަކީ ރައްޔިތުންގެ ހައްގެއް ކަމަށް ބުނެ ނަޝީދު މިއަދު ވަނީ ޓްވީޓެއް ކުރައްވައިފައެވެ.
Mauloomaathu hoadhaa libigathumuge haqqu ge qaanoonu ge dhashun Raees Yameen ge enmehaa haradhuthah olhun filumakee rayyithunge haqqeh.
— Mohamed Nasheed (@MohamedNasheed)January 12, 2015
ހަމަ އެއާ އެކު ރާފުޅިތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައި މިވަނީ، ރައީސް އަބްދުﷲ ޔާމިންގެ ސިންގަޕޫރު ދަތުރުފުޅުތަކުގެ މައުލޫމާތާއި، ސިއްހީ ހާލުކޮޅުގެ މައުލޫމާތު ހިއްސާކުރުމަށް އެދި އެމްޑީޕީގެ ފަރާތުން ރައީސް އޮފީހަށް ސިޓީ ފޮނުވާފައި ވާ ދަނޑިވަޅެއްގައެވެ.