12 Jan 2015, 22:39
މާލޭ އުތުރު ފަރާތު ބާޒާރު ސަރަހައްދުން ވަގަން ނެގި ކަމަށް ބެލެވޭ އަލުވި ބަސްތާއެއް ކަންމަތީ ފިހާރައަކަށް ވިއްކަން އުޅުނު މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން އެ މީހާ ހައްޔަރު ކުރީ މިއަދު ހަވީރު ޗަންޕާ މަގުގައި ހުރި ކަންމަތީ ފިހާރައަކަށް އަލުވި ވިއްކަން އުޅެނިކޮށެވެ. އޭނާ ފުލުހުން ހައްޔަރު ކުރީ އެ ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންތަކެއް އޭނާއާ ސުވާލު ކުރުމުން، އެ އަލުވި ބަސްތާ ހޯދި ގޮތް ކިޔައި ނުދެވުމުންނެވެ. އޭނާގެ އަތުން ފުލުހުން ވަނީ ޕާޕަރު 10 ޕެކެޓުތަކެއް ވެސް އަތުލައިގެންފަ އެވެ. އެ އެއްޗެއްސަކީ ވެސް ވަގަށް ހޯދާފައިވާ ތަކެތި ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.
ޗަންޕާ މަގުގައި ހުރި ފިހާރައެއްގެ ސޭޓް ބުނި ގޮތުގައި އަލުވި ވިއްކަން އުޅުނު މީހާ އެ ފިހާރައަށް ގެނައި ތަކެތި ގަތުމަށް އިންކާރު ކުރުމުން އެ ވަގުތު ފިހާރައިގެ ކައުންޓަރުގައި އިން ސޭޓަށް ބިރު ދެއްކި އެވެ. މިއަދު ހެނދުނު ވެސް އެ މީހާ ރިހާކުރު ފުޅިއެއް ހިފައިގެން އެ ފިހާރައަށް ވިއްކަން އައުމުން ވެސް އެކަމާ ދެކޮޅު ހަދާފައިވާނެ ކަމަށް ސޭޓު ބުންޏެވެ.
"މިކަހަލަ ކަންތައް ވަރަށް އާންމުވެއްޖެ. އިހަކަށް ދުވަހު 15 ކޭސް ބިސް ހިފައިގެން އައި ހަމަ މިކަހަލަށް މީހެއް. އައިއްސަ ބުނީ. ސަތޭކަ ރުފިޔާއަށް ކޭހެއްގެ މަގުން 15 ކޭސް ގެންދާށޯ. އަހަރުމެނެއް އެ ބިސްތައް ނުގަންނަން. ކޮންމެ ވެސް ބަންގާޅީއެއް އެ އެއްޗެހިތައް ގަތީ،" ސޭޓު ބުންޏެވެ.