ދޯނީގެ ވެރިމީހާއަށް ނޭނގި އެ ދޯނީގައި ހުރި ޑައިވިން ބަރިތަކެއް ވިއްކި މީހަކު ހަ މަސް ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ.

ޅ. ކުރެންދޫ އޯޒޯން މުހައްމަދު އަހްމަދު، ހަ މަސް ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ "ކާމިޔާބު" ނަމަކަށް ކިޔާ ދޯންޏެއްގެ ކެޕްޓަނެއްގެ ގޮތުގައި ހުރެ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 އަދި 12 ވަނަ ދުވަހު އެ ދޯނީގައި ހުރި ޑައިވިން ބަރިތަކެއް ވިއްކާލާފައިވާތީ އެވެ. އެގޮތުން އެ ދޯނީގައި ހުރި 31 ޑައިވިން ބަރި ވިއްކާފައިވާ ކަމަށް މުހައްމަދު އަހްމަދު ޝަރީއަތުގައި އިއުތިރާފުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވެ އެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ކުރީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އެވެ. އަދި މިއީ އެފަދަ ކުށެއް އޭނާގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.