ޔޫމެޓް ކޮންސްޓްރަކްޝަންގެ އޮފީހުން ވައްކަން ކުރި ދެ މީހުންގެ ތެރެއިން އެކަކު ހަ އަހަރާއި ތިން މަސް ދުވަހަށް އަދި ދެވަނަ މީހާ ތިން އަހަރާއި ނުވަ މަސް ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގައި ދައުވާ ކުރި މީހުންގެ ތެރެއިން ހަ އަހަރާއި ތިން މަސް ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ ސ. ފޭދޫ ނަލަރީތިގޭ، މުހައްމަދު އައިމަންގެ މައްޗަށެވެ. އަދި ތިން އަހަރާއި ނުވަ މަސް ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ ސ. ހުޅުދޫ ރައިހާނުގޭ ސިމްތާން އަލީގެ މައްޗަށެވެ.

އެ ދެ މީހުންގެ ތެރެއިން ސިމްތާންގެ މައްޗަށް މިއީ ވައްކަމުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރުގައި ކަމުގައިވީނަމަވެސް މިއީ އައިމަންގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވި ތިން ވަނަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ހ. ލަންޗުމީޑުގޭގެ ފަސް ވަނަ ފަންގިފިލާގައި ހުންނަ ޔޫމެޓް ކޮންސްޓްރަކްޝަންގެ އޮފީހުން ވައްކަންކޮށްފައި ވަނީ 2013 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ދެވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. ވައްކަން ކުރުމަށްފަހު އެ އޮފީހުގައި ވަނީ ހުޅުޖަހައި އަންދާލާފައެވެ. އެތަނުގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި އެ ދެ މީހުންގެ ތެރެއިން އައިމަންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.

އެ އޮފީހުން ވަގަށް ނެގި ތަކެތީގެ ތެރޭގައި ކަރަންޓު ވައިރުކުރުމަށް ބޭނުންކުރާ ހަތް ކަރަންޓު ނަރު ރޯލާއި ލެޕްޓޮޕެއް ހިމެނެއެވެ.