އަމިއްލަ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އުފެއްދުމަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން ސަރުކާރުން ދޫކުރާ "ގެޓްސެޓް" ލޯން ސްކީމާ ބެހޭ މައުލޫމާތު ދިނުމަށް ވޯކްޝޮޕެއް ބާއްވައިފި އެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން އިންތިޒާމުކޮށްގެން މިއަދު ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕް ބާއްވާފައިވަނީ ޒުވާނުންގެ މަރުކަޒުގައެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމަށްޓަކައި ބޭއްވި ވޯކްޝޮޕްގައި ގެޓްސެޓް ލޯނާ ބެހޭގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދީފައިވެއެވެ.

ޔޫތު މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ދޫކުރާ އެ ލޯނަށް އެދުމުން، އެ ލޯނު ބޭނުން ކުރާ ގޮތް ކިޔައިދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ގެޓްސެޓް ލޯނަށް އެޕްލައި ކުރުމުގެ ފޯމު މިހާރު ދޫކުރަން ފަށާފައިވާއިރު ފޯމުތައް ބަލައިގަންނަން ފަށާނީ އަންނަ މަހުން ފެށިގެންނެވެ.

ޒުވާނުން ހުށަހަޅާ ހިޔާލުތަކުގެ ތެރެއިން ޝޯޓުލިސްޓު ކުރުމަށްފަހު މާޗު ތިނެއްގައި އެ ފަރާތްތަކަށް އަންގާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މާޗު މަހުގެ ފަހު ކޮޅު، ހޮވުނު ފަރާތްތަކުގެ ޕްރޮޕޯސަލްތައް ޕްރެޒެންޓުކޮށް އެ ފަރާތްތަކާ އިންޓަވިއު ކުރާނެ އެވެ.

ގެޓްސެޓް ލޯނު ސްކީމްގައި ރާއްޖޭގެ ހުރިހާ ޒުވާނުންނަށްވެސް ބައިވެރިވެވޭ އިރު އެ ލޯނު ނެގުމަށް އެދޭ ފޯމު ފަސޭހަ ކޮށް ނެގޭނޭ ގޮތްތަކެއް ހަދަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން ރަށްރަށު ޒުވާނުންގެ މަރުކަޒުތަކުން އެ ފޯމު ލިބޭނެ އެވެ.

ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ތައާރަފް ކޮށްދެއްވި އެ ލޯން ސްކީމާ ބެހޭގޮތުން މައޫލޫމާތު ދިނުމުގެ "ރޯޑްޝޯ"ތަކެއް ރާއްޖޭގެ 29 ރަށެއްގައި މިމަހު ކުރިއަށް ގެންދާނެ އެވެ.

ރައީސް ޔާމިން ތައާރަފްކޮށްދެއްވި އެ ސްކީމްގެ ދަށުން 300،000 ރުފިޔާއާއި 800،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ލޯނު ދޫކުރާނެ އެވެ. އަދި މި ލޯނަށް އެދުމުގެ ހަމައެކަނި ޝަރުތަކީ ވިޔަފާރިއެއް ފަށާނެ ރަނގަޅު ޚިޔާލެއް ހުށަހެޅުމެވެ. އެގޮތުން ހިޔާލު ހުށަހަޅަން ވާނީ، މަދުވެގެން ދެ ޒުވާނުން ގުޅިގެންނެވެ. އެންމެ ބޮޑުވެގެން ލޯނުގެ އިންޓްރެސްޓް ރޭޓް އަރާނީ އަށް ޕަސެންޓަށެވެ.