12 Jan 2015, 20:36
ކުޅިވަރަކީ ޒުވާނުން ބިނާކުރުމާއި، ގައުމަށް ފައިދާ ހުރި ބައެއްގެ ގޮތުގައި ޒުވާނުން ފާހަގަވެގެން ދިޔުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކަންތައް ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަދި މިހާރުގެ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ރޭ މާފަންނު ސްޓޭޑިއަމްގައި ކުޅުނު ޕޮލިސް ޔޫތު ޗެލެންޖް ކަޕްގެ ފައިނަލް މެޗު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުންދު ވިދާޅުވީ، ރާއްޖެއަކީ ކުޅިވަރަށް ލޯބި ކުރާ، ހުނަރުވެރި ޒުވާނުންތަކެއް ދިރިއުޅޭ ގައުމެއް ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކަށްވުރެ ޖުމުލަ ގޮތެއްގައި ރާއްޖޭގެ ކުޅިވަރު ކުޅުންތެރިން ހުނަރުވެރި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ރާއްޖެއަކީ ކުޅިވަރަށް ލޯބިކުރާ، ކުޅިވަރުގެ ހުނަރު ހުރި ޒުވާނުންތަކެއްގެ ގައުމެއް. ފުޓްބޯޅައިގެ ރޮނގުގައި މަދު ވަސީލަތް ތަކަކާ އެކީވެސް ރާއްޖެއަށް ގިނަ ކުރިއެރުންތަކެއް ލިބިގެން ދަނީ ދިވެހިންގެ ހުންނަ ހާއްސަ ސިފަތަކެއްގެ ސަބަބުން. ދިވެހިންނަކީ ދަނޑު މަތީ އަހުލާގު ރަނގަޅު، ކޮމިޓްމަންޓް ހުރި، ކުޅިވަރުގެ ރޫހަށް އިސްކަން ދޭ، ނަމަވެސް މޮޅުވާން ކުޅޭ ބައެއް،" މުންދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދަޅުވީ، ރާއްޖޭގައި އެކަން ފާހަގަ ނުވިއަސް ފުޓްބޯޅައަށްވުރެ ގިނައިން މިހާރު ރާއްޖޭގައި ކުޅެނީ ފުޓްސެލް ކަމަށާއި، ރާއްޖޭގައި އެ ކުޅިވަރުގެ ހުނަރުވެސް ވަރަށް ފުޅާ ކަމަށެވެ. އަދި ފުޓްބޯޅައާ ހިލާފަށް ފުޓްސެލްއަށް ބޭނުން ވާނީ ތަފާތު ހުނަރު ތަކެއް ކަމަށާއި، އެ ހުނަރުތަކަކީ ދިވެހިންގެ އުފެދުމުގައިވެސް ދިވެހިންގެ ހުންނަ ހުނަރު ތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މުންދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފުލުހުންގެ މުއައްސަސާއިން ޒުވާނުން ކުރިއެރުވުމަށް ދޭ އިސްކަން ފާހަގަ ކުރެއްވި އެވެ. އަދި އެކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފުލުހުން ބާއްވާ އެފަދަ މުބާރާތްތަކަކީ ސީއެސްއާރް (ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބަލިޓީ) ގެ ދަށުން ކުރާ ކަންކަމެއް ނޫން ކަމަށެވެ.
"ޕޮލިސް ސާވިސް އަކީ އަބަދުވެސް ޒުވާނުންނަށް ހާއްސަ ހިދުމަތްތަކެއް ކޮށްދެމުން އަންނަ ބައެއް. އަޅުގަނޑު ދެކޭ ގޮތުގައި ފުލުހުން މިފަދަ މުބާރާތްތައް ބާއްވަނީ ސީއެސްއާރްގެ ދަށުންނެއް ނޫން. އަދި ފުލުހުން ކުރާ މިފަދަ މަސައްކަތްތަކަކީ އެ މުއައްސަސާގެ ޕްރޮފެޝަނަލް ޑިއުޓީސްގެ ތެރޭގައި ހިމެނޭ ކަމެއްވެސް ނޫން. ފުލުހުން ހިންގާ މިފަދަ ހަރަކާތްތައް ހިންގަނީ އެ މުއައްސާގެ އިސްވެރިންވެސް މިފަދަ ކަންކަން ހިންގަން ޝައުގުވެރިވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން މިނިސްޓަރު ޝަރީފް ވަނީ އެ މުބާރާތް ނިމުނު ކަމުގައި ވިއަސް، ފުލުހުންނާއި ޒުވާނުންނާ ދެމެދު އިތުރަށް ގުޅުން ވަރުގަދަކޮށް، އާންމު ދިރިއުޅުމުގައިވެސް ފުލުހުންނާ ގުޅުން ބޭއްވުމަށް ޒުވާނުންނަށް ގޮވާލާފައެވެ.