މިއަދު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގައި ހަތަރު ފޮއްޓެއް ފިޔަވައި އެހެން ހުރިހާ ވޯޓު ފޮށިތަކުގެ ވޯޓުލުން ކުރިއަށްދިޔައީ އެއްވެސް މައްސަލައެއް ނުޖެހި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް 417 ވޯޓު ފޮށި ބެހެއްޓި އިރު މައްސަލަ ޖެހުނީ ހަމައެކަނި ގދ. މަޑަވެއްޔާއި ޅ. ނައިފަރާއި ނ. ހޮޅުދޫ އާއި ނ. މަނަދޫގައި ބެހެއްޓި ވޯޓު ފޮށިތަކެއްގައި ކަމަށެވެ.

ފުއާދު ވިދާޅުވީ މައްސަލަ ޖެހިގެން ނައިފަރުގައި 45 މިނެޓު ވަންދެން ވޯޓުލުން މެދުކެނޑުނު ކަމަށާއި ހޮޅުދޫން ދެ ގަޑިއިރަށް ވޯޓުލުން މެދުކެނޑުނު ކަމަށާއި މަނަދޫގައި ތިން ގަޑިއިރަށް ވޯޓުލުން މެދުކެނޑުނު ކަމަށާއި މަޑަވެލީގައި 2:45 ފެށިގެން ވޯޓުލުން މެދުކެނޑިފައިވާ ކަމަށެވެ. އެ ހުރިހާ ރަށެއްގައި ވެސް މައްސަލަ ޖެހުނީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ވޯޓުލުމަށް އެހީތެރިވެދިނުމުގައި ހިޔާލުތަފާތުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ހއ. ބާރަށުގައި ދެލި ފުޅި ވޯޓު ކަރުދާސްތަކަށް ބަންޑުންވެގެން ވޯޓުލުން މެދުކެނޑުނު ކަމަށް ފުއާދު ވިދާޅުވި އެވެ. އެކަމަކު ވީ އެންމެ އަވަހަކަށް އެ ރަށަށް ވޯޓު ކަރުދާސް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ފުއާދު ވިދާޅުވީ ބާރަށަށް އާ ކަރުދާސް ލިބޭ ގަޑިއަކީ ހަތަރެއްގެ ފަސް ކަމަށްވެއްޖެ ނަމަ ވޯޓުލުމުގެ ގަޑި އިތުރު ކުރުމާ މެދު ކޮމިޝަނުން ވިސްނާނެ ކަމަށެވެ. އެކަމަކު މަޑަވެލީ ފިޔަވައި ވޯޓުލުން މެދުކެނޑުނު އެއްވެސް ރަށެއްގައި ވޯޓުލުމުގެ ގަޑި އިތުރު ކުރުމަށް ނުވިސްނާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ހަތަރެއްގެ ކުރިން ކިޔޫގައި ޖެހިފައި ތިބި ނަމަ ހަތަރެއްގެ ފަހުން ވެސް ވޯޓު ލެވޭނެ ކަމަށެވެ.

މީގެ އިތުރުން ފުއާދު ވިދާޅުވީ މިފަހަރުގެ ވޯޓުގެ އެންމެ ބޮޑު މައްސަލައަކަށްވީ ހާއްސައެހީ އަށް ބޭނުންވާ މީހުން ވޯޓުލުމުގައި އެމީހުންނަށް އެހީތެރިވުމާ މެދު ކަމަށެވެ. އެކަމާ މެދު ފުއާދު ވިދާޅުވީ ކޮންމެ ވޯޓު ފޮއްޓެއްގެ ކައިރީގައި ވެސް ހުންނަ އެންމެ އިސް އޮފިޝަލަށް އެހީތެރިކަން މީހަކަށް ބޭނުންވޭތޯ ނުވަތަ ނުވޭތޯ ކަނޑައެޅުމުގެ އިހްތިޔާރު ދީފައިވާ ކަމަށެވެ. އަދި ވޯޓުލުން ކުރިއަށް ދިޔަ ގަޑީގައި ކެންޑިޑޭޓުން ކެމްޕެއިން ކުރުމުގެ ޝަކުވާތަކެއް ވެސް ލިބިފައިވާ ކަމަށާއި އެ މައްސަލަތައް ބަލަމުންދާ ކަމަށް ފުއާދު ވިދާޅުވި އެވެ.

މީގެ އިތުރުން އިލެކްޝަންސްގެ ނައިބު ރައީސް އަހުމަދު ފަޔާޒް ހަސަން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔައީ ވަރަށް ޝަކުވާ މަދުކޮށް ކަމަށެވެ. އަދި އެހެން އިންތިހާބުތަކުގައި ރަޖިސްޓްރޭޝަންގެ މައްސަލަ ވަރަށް ބޮޑަށް ޖެހޭކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ މި އިންތިހާބުގައި އެފަދަ މައްސަލަތައް ވަރަށް މަދު ކަމަށެވެ.