12 Jan 2015, 19:47
ސްރީ ލަންކާގެ އާ ރައީސް މައިތުރިޕާލަ ސިރިސޭނާއާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އާ ކެބިނެޓް އެކުލަވާލައި މިނިސްޓަރުން ހުވާކުރައްވައިފި އެވެ.
ލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ސިރިސޭނާގެ ކުރިފުޅުމަތީގައި 27 ކެބިނެޓް މެންބަރުންނާއި ސްޓޭޓް މިނިސްޓަރުންގެ އިތުރުން ޑެޕިއުޓީ މިނިސްޓަރުން ވެސް ހުވާކުރައްވާފައިވެ އެވެ.
އާ ކެބިނެޓްގެ ޑިފެންސް މިނިސްޓަރަކަށް ޚުދު ރައީސް ސިރިސޭނާ ހުންނަވާ ގޮތަށް ހަމަޖައްސަވާފައިވާ އިރު، މިނިސްޓަރު އޮފް ޕޮލިސީ ޑިވެލޮޕްމަންޓް އާއި އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މަގާމަށް ހަމަޖައްސަވާފައި ވަނީ، ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ އެވެ.
އާ ކެބިނެޓްގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރަކަށް ހަމަޖައްސަވާފައި ވަނީ މަންގަލަ ސަމަރަވީރާ އެވެ. ފިނޭންސް މިނިސްޓަރަކަށް ރަވީ ކަރުނަނަޔަކެ ހަމަޖައްސަވާފައިވާ އިރު މީޑިއާ މިނިސްޓަރަކަށް ހަމަޖައްސަވާފައި ވަނީ، ގަޔަންތަ ކަރުނަތިލަކެ އެވެ. ޓޫރިޒަމް މިނިސްޓަރު ކަމަށް ނަވީން ދިސަ ނަޔަކެ، އިންޑަސްޓްރީޒް އެންޑް ކޮމާސް މިނިސްޓަރަކަށް ހަމަޖައްސަވާފައި ވަނީ ރިޝާދު ބަދުރުއްދީން އެވެ. އަދި އާ ޖަސްޓިސް މިނިސްޓަރަކަށް ހަމަޖައްސަވާފައި ވަނީ، ވިޖޭދަސަ ރާޖަޕަކްސަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސިރިސޭނާ ވިދާޅުވީ، އަލަށް އެކުލަވައިލެއްވި ކެބިނެޓަކީ ވަގުތީ ކެބިނެޓެއް ކަމަށާއި އާ ކެބިނެޓްގެ މަގާމުތަކަށް ހަމަޖައްސާފައިވާ ބޭފުޅުންނަކީ "ހުރިހާ ފަރާތްތަކެއް އެންމެ ހިތްހަމަޖެހޭ ފަދަ ކެބިނެޓަކަށް ނުވެދާނެ" ކަމަށެވެ.
ސިރިސޭނާ ވިދާޅުވީ، އަލަށް އެކުލަވައިލި ކެބިނެޓްގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަން ކޮށްފައި ނުވާނެ ކަމަށާއި، ބޮޑުވަޒީރު ރަނިލްއާއި، އާ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކާ މަޝްވަރާކުރެއްވުމަށް ފަހު، ފަހުގެ ތާރީޚެއްގައި އެ މަގާމުތަކަށް ވެސް ބޭފުޅުން ހަމަޖައްސަވާނޭ ކަމަށެވެ.
މިއަދު އެކުލަވައިލެއްވި ކެބިނެޓް، ޕާލިމެންޓް އިންތިޚާބަށް ފަހު ދެމި އޮންނާނީ 100 ދުވަސްވަންދެން ކަމަށާއި، ޕާލިމެންޓް އިންތިޚާބަށް ފަހު ދިގުމުއްދަތަކަށް ދެމިގެންދާނޭ ކެބިނެޓެއް އެކުލަވައިލައްވަވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލަށް އެކުލަވައިލެއްވި ކެބިނެޓްގެ މެންބަރެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތެއް ކުރެވިއްޖެ ނަމަ، އެކަމެއް ބަލައި އެފަރާތަކާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އާ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށްވެސް ސިރިސޭނާ ވިދާޅުވި އެވެ.