12 Jan 2015, 17:44
އޭއެފްސީ އޭޝިއަން ކަޕްގައި އޭޝިއާގެ ފުޓްބޯޅައިގެ ގަދަ ބާރު ޖަޕާނާ ދެކޮޅަށް މިއަދު ފަލަސްތީނު ކުޅުނު މެޗުން އެޓީމު ބަލިވިއިރު، އެ މުބާރާތުގައި އިރާގު ކުޅުނު ފުރަތަމަ މެޗު އެ ޓީމުން ކާމިޔާބު ކޮށްފި އެވެ.
މުބާރާތުގެ ގްރޫޕް 'ޑީ'ގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ފަލަސްތީނުގެ މައްޗަށް ޖަޕާނު ކުރި ހޯދީ 4-0 ގެ ނަތީޖާއަކުން ނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ލަނޑު ޖަޕާނަށް ކާމިޔާބު ކޮށްދިނީ މެޗުގެ އަށްވަނަ މިނެޓުގައި އެ ޓީމްގެ ޔަސުހިޓޯ އެންޑޯ އެވެ. އަދި މެޗުގެ 25 ވަނަ މިނެޓުގައި ޖަޕާނުގެ ޝިންޖީ އޮކަޒާކީ ކާމިޔާބު ކުރި ދެވަނަ ލަނޑާއެކު ޖަޕާން ވަނީ މެޗުގައި ލީޑް ފުޅާ ކޮށްފައެވެ.
ޖަޕާނުގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން އެ ޓީމްގެ ކެއިސުކޭ ހޮންޑާ އެވެ. އަދި ދެވަނަ ހާފް ފެށިތާ ހަތަރު މިނެޓު ތެރޭ ޖަޕާނުގެ މާޔާ ޔޮޝިޑާ ވަނީ އެ ޓީމްގެ އެންމެ ފަހު ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައެވެ.
މެޗުގައި 73 ވަނަ މިނެޓުގައި ދެ ރީނދު ކާޑާއެކު ރަތް ކާޑެއް ދައްކާ ފަލަސްތީނުގެ ޑިފެންޑަރު އަހުމަދު މަހަޖުނާ ވަނީ ދަނޑުން ފޮނުވާލާފައެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅު ފަލަސްތީނު 10 ކުޅުންތެރިންނާއެކު ކުޅުނު ނަމަވެސް، ޖަޕާނަށް ވަނީ މެޗުގައި އިތުރު ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.
އޭޝިއަން ކަޕްގައި މިއަދު ކުޅުނު ގްރޫޕް 'ޑީ'ގެ ދެވަނަ މެޗުގައި ބައްދަލުކުރީ އިރާގާއި ޖޯޑަން އެވެ. އެ މެޗުގައި ދެ ޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައި ވާއިރު، މެޗުގެ ހަމައެކަނި ލަނޑު އިރާގުން ކާމިޔާބު ކުރީ ދެވަނަ ހާފްގައެވެ. މެޗުގެ 77 ވަނަ މިނެޓުގައި އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ޔާސިރު ސަފާ ކާސިމް އެވެ.
އެ މެޗުގެ ފަހު ވަގުތު ކޮޅުވެސް ރަތް ކާޑެއް ވަނީ ފެނިގެން ގޮސްފައެވެ. މެޗުގެ 84 ވަނަ މިނެޓުގައި ދެ ރީނދު ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލީ ޖޯޑަންގެ ޑިފެންޑަރު އަނަސް ބަނީ ޔާސީން އެވެ.
މުޅިއެކު 16 ޓީމު ވާދަކުރާ އޭއެފްސީ އޭޝިއަން ކަޕް 2015 ކުރިއަށް ގެންދަނީ ޓީމްތައް ހަތަރު ގްރޫޕަކަށް ބަހާލައިންނެވެ. އެ މުބާރާތުގެ ގްރޫޕް 'އޭ'، 'ބީ' އަދި 'ސީ' ގެ ފުރަތަމަ ދެ މެޗު މިހާރު ވަނީ ކުޅެ ނިމިފައެވެ.
ގްރޫޕް 'އޭ' ގެ ފުރަތަމަ މެޗުތައް ކާމިޔާބު ކުރި ޓީމްތަކަކީ އޮސްޓްރޭލިއާ އާއި ސައުތު ކޮރެއާ އެވެ. އަދި ގްރޫޕް 'ބީ' ގެ ފުރަތަމަ މެޗުތައް އުޒްބަކިސްތާނާއި ޗައިނާ ކާމިޔާބު ކުރިއިރު، ގްރޫޕް 'ސީ' ގެ މެޗުތައް ކާމިޔާބު ކުރީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި އީރާން އެވެ.
މިފަހަރުގެ އޭޝިއަން ކަޕް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިމަހުގެ ނުވަވަނަ ދުވަހުން 31 ވަނަ ދުވަހަށް އޮސްޓްރޭލިއާގަ އެވެ. އަދި އެ މުބާރާތުގެ ޗެންޕިއަން ޓީމަށް 2017 ވަނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ކޮންފެޑަރޭޝަންސް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.