12 Jan 2015, 16:58
ސްރީލަންކާގެ ރައީސް މައިތިރި ޕާލާ ސިރިސޭނާ ރާއްޖެ ވަޑައިގަތުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދައުވަތު ދެއްވައިފި އެވެ.
ލަންކާގައި އޮންލައިންކޮށް ނެރޭ އޭޝިއަން ޓްރިބިއުން ނޫހުން މިއަދު ބުނީ ލަންކާގެ ރައީސް ސިރިސޭނާ އިންތިހާބުވުމުން ރައީސް ޔާމީން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ސިރިސޭނާ ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ވަރަގަދަ ކުރެއްވުމުގެ މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ޔާމީން ފާޅުކުރައްވާފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ މެސެޖުގައި ވިދާޅުވެފައި ވަނީ ލަންކާގެ ވާދަވެރި އިންތިހާބު ރައީސް ސިރިސޭނާ ކާމިޔާބު ކުރެއްވުމުން އެ މަނިކުފާނުގެ ސިޔާސަތާއި އެ ސިޔާސަތުގެ މައްޗަށް ރައްޔިތުންގެ އޮތް އިތުބާރާއި ޔަގީންކަން ދައްކުވައިދޭ ކަމަށެވެ.
ލަންކާގެ ރައީސް ރާއްޖެ ވަޑައިގަތުމަށް ރާއްޖޭގެ ރައީސް ދައުވަތު ދެއްވި އިރު ލަންކާގެ ރައީސް ސިރިސޭނާ ވެސް ވަނީ ރައީސް ޔާމީން ލަންކާ އަށް ވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ.