އިޓަލީ ލީގުގައި ރޭ ރޯމާ އާއި ލެޒިއޯ ބައްދަލުކުރި ޑާބީ މެޗުގައި އޭނާ ކާމިޔާބު ކުރި ލަނޑާއެކު އުފާ ފާޅުކުރުމުގެ ގޮތުން، ރޯމާއަށް ކުޅެމުން އަންނަ މައްޝޫރު އިޓަލީ ކުޅުންތެރިޔާ ފްރަންސެސްކޯ ޓޮޓީ ފުޓްބޯޅައިގެ ދުނިޔޭގައި ފުރަތަމަ ފަހަރަށް ސެލްފީއެއް ނަގައިފިއެވެ.

މެޗުގައި ރޯމާގެ ދެ ލަނޑުވެސް އެ ޓީމަށް ކާމިޔަބު ކޮށްދިން ޓޮޓީ ސެލްފީ ނެގީ މެޗުގައި އޭނާ ކާމިޔާބު ކުރި ދެވަނަ ލަނޑާއެކު، މެޗުގެ ނަތީޖާ ހަމަހަމަ ވުމުން ނެވެ. އެ ލަނޑަށް ފަހު ޓޮޓީ ވަނީ ރޯމާގެ ގޯލްކީޕަރު ކޯޗް ގުއިޑޯ ނާނީ ގެ އަތުން ފޯނެއް ހޯދުމަށްފަހު، ސެލްފީ ނަގައި މީހުންގެ މެދުގައި މައްޝޫރު 'ޑަކް ފޭސް' އެއް ހަދާ، ފަހަތުން ރޯމާގެ ސަޕޯޓަރުން ފެންނަ ގޮތަށް ސެލްފީއެއް ނަގާފައެވެ.

މެޗަށްފަހު ޓޮޓީ ނެގި ސެލްފީ ވަނީ ރޯމާގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމު ކޮށްފައެވެ. އެ މެޗަށް ފަހު ޓޮޓީ ބުނީ ސެލްފީ ނެގުމަކީ އެނާ އަންމުކޮށް ކުރާ ކަމަކަށް ނުވި ނަމަވެސް، އެ ވަގުތުކޮޅު އޭނާ ރެކޯޑް ކުރަން ބެނުންވި ކަމަށެވެ.

"ސެލްފި ނެގުމަކީ އަހަރެން އާންމުކޮށް ކުރާ ކަމެއް ނޫން. އަހަރެންގެ އާންމު ދިރުއުޅުން އަހަރެން ބާއްވަން ބޭނުމީ ޕްރައިވެޓް ކޮށް. ނަމަވެސް އެފަދަ ވަގުތުކޮޅެއް ރިކޯޑު ވެގެން ދިޔުމަކީ ރޯމަނަކަށް ވަރަށްވެސް މުހިންމު ކަމެއް. އެ ސެލްފީ އާއެކު އެންމެންވެސް އެ ލަނޑު ހަނދާން ވާނެ،" ޓޮޓީ ބުންޏެވެ.

އުމުރުން 38 އަހަރު ވެފައިވާ ޓޮޓީ ފުޓްބޯޅަ ކުޅުންތެރިއަކަށް އެންމެ ރަނގަޅަށް ކުޅެވޭ އުމުރު މިހާރު ފަހަނައަޅާ ގޮސްފައި ވިނަމަވެސް، އޭނާ އަންނަނީ މި ސީޒަންގައި ރޯމާގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި ރޭ ޓޮޓީ ކާމިޔާބުކުރި ދެ ލަނޑާއެކު މުޅިއަކު 11 ލަނޑު ކާމިޔާބު ކޮށް، އެ ދެ ޓީމްގެ ޑާބީ މެޗުތަކުގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ކުޅުންތެރިޔާ ޑީނޯ ޑަ ކޯސްޓާގެ ރިކޯޑާ ޓޮޓީ ވަނީ އަރާ ހަމަހަމަ ކޮށްފައެވެ.

ސެލްފީ ނެގުން މި ފަހަކަށް އައިސް ޒުވާން ޖީލުގެ މެދުގައި މައްޝޫރު ވެފައި ވާއިރު، ބައެއް މީހުން ދެކޭ ގޮތުގައި ސެލްފީ ނެގުމަކީ މީހެއްގެ ހުރި ބޮޑާކަން ދައްކުވައިދޭ ކަމެކެވެ. ނަމަވެސް ދުނިޔޭގެ ސޯޝަލް މީޑިއާގައި މިހާރު ސެލްފީ ވަނީ އާންމު އެއްޗަކަށް ވެފައެވެ.

ޒުވާނުންގެ މެދުގައި ސެލްފީ ނެގުން މިހާރު މައްޝޫރު ވެފައި ވިނަމަވެސް، އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ބައެއް ބޮޑެތި ކްލަބުތަކުން މި އަހަރުގެ ކުރީކޮޅު ވަނީ އެ ކްލަބްތަކުގެ ދަނޑުތަކަށް މެޗު ބަލަން ވަންނަ ސަޕޯޓަރުން 'ސެލްފީ ސްޓިކް' (ސެލްފީ ނަގަން ބޭނުންކުރާ ދަނޑި) ވެއްދުން މަނާ ކޮށްފައެވެ. އޭގެ ތެރޭގައި އާސެނަލް އާއި ޓޮޓަންހެމްވެސް ހިމެނޭއިރު، އެ ދެ ކްލަބުން ނިންމި އެ ނިންމުމަށް ވަނީ ގިނަ ސަޕޯޓަރުންތަކެއްގެ ތާއީދު ލިބިފައެވެ.