12 Jan 2015, 15:33
ކިޑްނީ ބައްޔަށް ފަރުވާހޯދަމުން ދަނިކޮށް، އައިޖީއެމްއެޗް ޑޮކްޓަރެއްގެ އިހުމާލުން އެ ޕޭސަންޓް މަރުވި ކަމަށް ބުނެ އާއިލާ އިން ހުށަހެޅި މައްސަލައެއް އައިޖީއެމްއެޗުން ބަލަން ފަށައިފި އެވެ.
ސަން އަށް އެނގިފައިވާ މިދިޔަ މަހުގެ 21ގައި އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދިޔަ އެ ޕޭސަންޓަކީ އުމުރުން 33 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ.
ސްރީލަންކާ އިން ކިޑްނީ ޓްރާންސްޕްލާންޓް ހަދާފައިވާ ހުރި އެ މީހާ މަރުވި މައްސަލަ އާއިލާގެ ފަރާތުން ވަނީ އައިޖީއެމްއެޗަށް ހުށަހަޅައިފަ އެވެ. ނަމަވެސް އަދި މިހާތަނަށް އެ މައްސަލާގައި އާއިލާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު 'ސަން' އަށް ވިދާޅުވީ އެ ޕޭސަންޓްގެ މައްސަލަ އާއިލާ އިން ހުށަހެޅި އިރު ވެސް އެ މައްސަލާގައި ޑޮކްޓަރުންގެ އިހުމާލެއް އުޅޭތޯ ހޮސްޕިޓަލުން ބަލަމުން އަންނަ ކަމަށެވެ. އަދި އެ ޕޭސަންޓް އެ ހޮސްޕިޓަލަށް ދައްކަން ދިޔަ އިރު ވެސް ވަރަށް ބަލި ކަމަށް އޭނާ ވިދާޅުވި އެެވެ.
"އެ ޕޭސަންޓް ހޮސްޕިޓަލަށް ގެނައި އިރު ވެސް ގެންދިޔައީ ލަންކާ ހޮސްޕިޓަލުން ދިން ޓްރީޓްމަންޓެއް ނަގަމުން، އެގޮތުން ލޭ ދިޔާ ކުރުމަށް ޕޭސަންޓް ގެންދިޔައީ ބޭސް ބޭނުން ކުރަމުން،" ޒީނަތު ވިދާޅުވި އެވެ.
ޒީނަތު ވިދާޅުވީ އައިޖީއެމްއެޗްގެ ޑޮކްޓަރެއްގެ އިހްމާލެ އޮތްތޯ ބެލުމަށް ކުރިއަށް ގެންދާ ތަހުގީގުގައި ބަލި މީހާގެ ސިއްހީ ރެކޯޑުތަކާއި އޭނާއަށް ދީފައިވާ ބޭސްތަކާއި ބަލައި، އޭނާގެ ބަލީގެ ހިސްޓްރީ ހޯދައި ބަލާނެ ކަމަށެވެ. ބަލި މީހާ މަރުވުމުގައި އިހްމާލުވި ކަމަށް ބުނާ ޑޮކްޓަރު ހިދުމަތުގައި އަދިވެސް ދެމިހުންނެވި ކަމަށް ޒީނަތު ވިދާޅުވި އެވެ.