12 Jan 2015, 14:43
ސްކޫލް ބަސްދަތުރުތައް ހިލޭ ކޮށްދިނުމަށް ގޮވާލައި ލ. ގަމު ހަމަދު ބިން ޚަލީފާ އަލް ސާނީ ސްކޫލްގެ ބެލެނިވެރިން މިއަދު މުޒާހަރާކޮށްފި އެވެ.
ގަމު ކައުންސިލް މެމްބަރު އަސްލަމް މުހައްމަދު 'ސަން' އަށް ވިދާޅުވީ މިއަދު މެންދުރުގެ ވަގުތެއްގައި ކައުންސިލް އިދާރާ ދޮށަށް އެއްވެ މުޒާހަރާ ކުރި ބެލެނިވެރިން ގޮވަމުން ދިޔައީ ހިލޭ ސްކޫލް ކުދިންނަށް ބަސްދަތުރުގެ ޚިދުމަތް ދިނުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ ބެލެނިވެރިން މުޒާހަރާ ކުރިއަސް އެކަމުގައި ކައުންސިލަށް ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށާއި ސަބަބަކީ ބަހުގެ ޚިދުމަތަކީ އެޑިއުކޭޝަން މިނިސްޓްރީއާ ސްކޫލާ ގުޅިގެން ކުރާ ކަމެއް ކަމުގައިވާތީ ކަމަށެވެ.
"އަޅުގަނޑުމެން ކިހިނެތްތޯ ބަސްދަތުރު ހިލޭ ކޮއްދޭނީ އެއީ އެޑިއުކޭޝަން މިނިސްޓްރީ އާއި އިހައްދޫ ސްކޫލާ ގުޅިގެން ކުރާ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.
މިއަދު މުޒާހަރާ ކުރި ތުނޑި އާއި މުކުރިމަގު އަވަށަށް ނިސްބަތްވާ ބެލެނިވެރިން ކައުންސިލަރުންނާ ވެސް އެބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާކުރި ކަމަށާއި އެހެންނަމަވެސް ބަހުގެ ޚިދުމަތް ދިނުމަށް ކައުންސިލާ ހަވާލުކުރުމުން ނޫނީ ކައުންސިލަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަހުގެ ޚިދުމަތް ދިނުމަށް ކައުންސިލާ ހަވާލުކޮށްދިނުމަށް ސްކޫލްގައި އަޅުގަނޑުމެން ވަނީ ކުރިން އެދިފައި. އެހެންނަމަވެސް ސްކޫލުން ބޭނުމެއް ނުވޭ އަޅުގަނޑުމެންނާ ބަހުގެ ޚިދުމަތް ދިނުމަށް ހަވާލުކުރާކަށް. އަދި އަޅުގަނޑުމެންވާނީ އެކަމާ ގުޅިގެން ސްކޫލާ ބައްދަލުކޮށް އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ވެސް ހިއްސާކޮށްފައި،" އަސްލަމް ވިދާޅުވި އެވެ.
ގަމު ތުނޑީ އަވަށާއި މުކުރިމަގު އަވަށުގެ ކުދިން ހަމަދު ސްކޫލަށް ދަނީ ބަހުގަ އެވެ. އެ ދެ އަވަށާއި ހަމަދު ސްކޫލާ ދެމެދު މާލެއާ ހުޅުމާލެއާ ދެމެދު އޮންނަވަރުގެ ދުރުމިނެއް އޮންނަ ކަމަށް ގަމު ކައުންސިލުން ބުންޏެވެ.