05 Feb 2011, 17:25
ނ. މަނަދޫ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނިކޮށް ޑޮކްޓަރުގެ ހުއްދައާ ނުލައި ހޮސްޕިޓަލުން ނެރެގެން "ވޯޓުލާން" އެއަތޮޅު މިލަދު އަށް ގެންދިޔަ އަންހެނަކު 24 ގަޑިއިރު ވެސް ނުވަނީސް މަރުވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މަރުވީ ނ. މިލަދޫ، އިރުމަތީގޭ ހަފީޒާ އަލީ އެވެ. އޭނާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށްވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ، މަނަދޫ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮއްވައި އާއިލާ އިން ޒިންމާ ނަގާނެ ކަމަށް ބުނެ ސޮއި ކުރުމަށް ފަހު މިލަދު އަށް ގެންދިޔަ އަންހެނަކު މަރުވި ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ.
އުމުރުން 35 އަހަރުގެ އެ އަންހެންމީހާ މަރުވީ މިލަދޫގައި ހުންނަ އޭނާގެ ގެއަށް ގެންދިއުމަށް ފަހު ހާލު ބޮޑުވެގެން މިލަދޫ ސިއްހީ މަރުކަޒަށް ގެންގޮސް، ފަރުވާދެމުންދަނިކޮށް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
މަނަދޫ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖާ އަބުދުﷲ އާދިލް މިއަދު ވިދާޅުވީ، މިލަދޫ ސިއްޚީ މަރުކަޒުން ފަރުވާ ނުދެވިގެން މަނަދޫ ހޮސްޕިޓަލަށް ގެންދިޔަ ހަފީޒާ އަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނިކޮށް، އޭނާ ރަށަށް ގެންދަން ބޭނުންވާ ކަމަށް ބުނެ އޭނާގެ އާއިލާ އިން ހަފީޒާ ޑިސްޗާޖުކޮށްދިނުމަށް މިއަދު އެދުނު ކަމަށެވެ.
އެގޮތަށް އާއިލާގެ ފަރާތުން އެދުމުން، ހަފީޒާގެ ހާލު ރަނގަޅު ނޫން ކަމަށް އޭނާ ބެއްލެވި ޑޮކްޓަރުން ތަކުރާރުކޮށް ވިދާޅުވި ކަމަށާއި އަދި އޭނާގެ ހާލު ސީރިއަސްކަން އާއިލާއަށް އަންގައިދިން ކަމަށް ވެސް އާދިލު ވިދާޅުވި އެވެ. ނަމަވެސް، އާއިލާއިން ތަކުރާރުކޮށް އެދުމުން "ހޮސްޕިޓަލުން ޒިންމާ ނުވާނެ ކަމަށް ބުނެ އެއޮންނަ އުސޫލުގެ ދަށުން އެ އަންހެންމީހާ ދޫކުރީ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިއްޔެ 3:30 އެހާކަންހާއިރު މަނަދޫ ހޮސްޕިޓަލަށް ހަފީޒާ ގެންގޮސްފައި ވަނީ، ވަރަށް ގަދައަށް ހުންއައިސް ބޮލުގައި ރިއްސާތީ އެވެ. އާއިލާ އިން ޒިންމާވާ ގޮތަށް، ހަފީޒާ މިލަދޫއަށް ގެންދިޔަތާ މާ ގިނަ އިރުތަކެއް ނުވެ، އޭނާގެ ހާލު ގޯސްވެ، އެ ރަށު ސިއްޚީ މަރުކަޒަށް ގެންދިޔަ ކަމަށާއި އޭރު އޭނާގެ ބްލްޑް ޕްރެޝަރު ވެސް ވަރަށް ބޮޑަށް ދަށް ވެފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި ސިއްހީމަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ގެންދިޔަތާ އިރުކޮޅެއް ނުވެ އޭނާ މަރުވި ކަން ޑޮކްޓަރުން ކަށަވަރު ކޮށްދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ސަން އަށް މަޢުލާމާތު ދެމުން އެރަށުން ވާހަކަ ދެއްކި މީހާ އިތުރަށް ބުނީ، ހަތަރު ކުދިންގެ މަންމައެއް ކަމުގައިވާ ހަފީޒާ މިލަދޫ އަށް ގެންދަން އޭނާގެ އާއިލާއިން ބޭނުންވީ ވޯޓުލައްވަން ވެގެން ކަމަށެވެ. ނަމަވެސް، އެކަން އަދި ކަށަވަރެއް ނުވެ އެވެ.
އެމީހާ ވަޅުލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ނެވެ.