ރާއްޖޭގެ ގައުމީ ޓީމްގެ ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) މި މަހުގެ ކުރީކޮޅު މިޔަންމާގެ ފުޓްބޯޅަ ކްލަބެއް ކަމަށްވާ ކަންބަވްޒާ އެފްސީ އަށް ސޮއި ކުރުމަށް ފަހު، އެ ޓީމްގައި އޭނާ ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެއްޖެ އެވެ.

މިޔަންމާގެ ގައުމީ ލީގުގައި އިއްޔެ ކަންބަވްޒާ އެފްސީ އާއި މަނާއޫ އެފްސީ ބައްދަލުކުރި އެ މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފްގައި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، މެޗުގައި ލީޑް ނެގީ މަނާއޫ އެފްސީ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ހޮން ޒަޔަރް ތުން އެވެ.

މެޗުގައި ކަންބަވްޒާއަށް ކާމިޔާބު ކުރި ލަނޑު އެ ޓީމުން ކާމިޔާބު ކުރީ ދެވަނަ ހާފްގައި ލިބުނު ޕެނަލްޓީއަކުން ނެވެ. މެޗުގެ 80 ވަނަ މިނެޓުގައި ލިބުނު އެ ޕެނަލްޓީ ކާމިޔާބުކޮށް، މެޗުގެ ނަތީޖާ އެ ޓީމަށް އެއްވަރު ކޮށްދިނީ އެ ޓީމްގެ ޒިން މިއޯ އައުންގެވެ. އެ މެޗުގައި ކަންބަވްޒާގެ މިޑްފީލްޑް ބެލެހެއްޓި ބަކާގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފަ އެވެ.

ބަކާގެ އިތުރުން މީގެ ކުރިން އިބްރާހިމް ފަޒީލް (އޮއްޕޮ) ވެސް ވަނީ 2007 އަދި 2008 ގެ ސީޒަންގައި ބެރުގެ ކްލަބަކަށް ކުޅެދީފަ އެވެ. އެ ފަހަރު އޭނާ ކުޅުނީ ބުރުނާއީގެ ކްލަބެއް ކަމަށްވާ ޑީޕީއެމްއެމް އެފްސީ އަށެވެ. އަދި ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝަފާގް މިހާރު ވެސް އަންނަނީ މެލޭޝިއާގެ ކްލަބެއް ކަމަށްވާ ޕީޑީއާރްއެމް އަށް ކުޅެމުންނެވެ.

މި މަހުގެ ކުރީކޮޅު ކަންބަވްޒާއަށް ސޮއިކުރުމަށްފަހު ބަކާ ބުނެފައި ވަނީ ބޭރުގެ ކްލަބްތަކަށް ކުޅުމަކީ ރާއްޖޭގެ ކުޅުންތެރިންނަށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށާއި، އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށް އޭނާ އުންމީދު ކުރާ ކަމަށެވެ.

ބަކާ ސޮއިކުރި މިޔަންމާގެ ޕްރިމިއާ ލީގް ކަލްބް ކަންބައުޒާ އެފްސީ އަކީ 2013 ވަނަ އަހަރު މެލޭޝިއަން ފުޓްބޯލް ފެޑަރޭޝަން ކަޕް މުބާރާތުގެ ޗެންޕިއަންކަން ހޯދި ޓީމެވެ. އަދި 2012 ވަނަ އަހަރު އެ މުބާރާތުގެ ރަނަރަޕްގެ މަގާމު އެ ޓީމް ހޯދިއިރު، އެ ފަހަރު މިޔަންމާގެ ނެޝަނަލް ލީގުގެ ރަނަރަޕް ކަން ވެސް އެ ޓީމް ވަނީ ހޯދާފަ އެވެ.