12 Jan 2015, 13:43
މާލޭ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަށް ސަރުކާރުން ހަވާލުކޮށްފައިވާ ޕްރޮޖެކްޓް ދަށުން، އެންމެ ބޮޑަށް ފެންބޮޑުވާ އަމީނީމަގުގައި ގާއިމު ކުރުމުގެ މަސައްކަތްފެށި "ގްރެވިޓީ ސިސްޓަމް"ގެ މަސައްކަތް ނިންމާލައިފި އެވެ.
އެމްޑަބްލިޔްއެސްސީގެ އެސިސްޓެންޓް މެނޭޖަރު މާކެޓިން އިބްރާހިމް އަކުރަމް މިއަދު ސަން އަށް ވިދާޅުވީ ފެންހިއްދާ ނިޒާމްތައް ގާއިމް ކުރުމުގެ ގޮތުން އެ ކުންފުނިން ހިންގާ ޕްރޮޖެކްޓުތަކުގެ ތެރެއިން ޣިޔާސުއްދީން ސްކޫލު ކައިރީ، ޓުރެފިކް ލައިޓްތައް ހުރި ސަރަހައްދުގައި ގާއިމްކުރި ފެންހިންދާ ނިޒާމްގެ އަމަލީ މަސައްކަތް ނިންމާލެވިފައިވާ ކަމަށާއި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެ ސިސްޓަމް ޕަންޕު ސުޓޭޝަންއާ ގުޅުވައި އެސަރަހައްދުން ފެންހިންދަން ފައްޓާނެ ކަމަށެވެ.
"މިހާރު ހޮޅިތައް އަޅައި ނިންމާލާފައި ވަނީ. ދެން ދެތިން ދުވަހެއްގެ ތެރޭގައި ޕަންޕް ސުޓޭޝަންއާ ގުޅައިލެވޭނެ. އޭރުން އެސަރަހައްދުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް އަންނާނެ،" އަކުރަމް ވިދާޅުވި އެވެ.
އެ ސިސްޓަމް ތައްޔާރުކޮށްފައި ވަނީ ކާނުތަކަށް އެޅޭފެން ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕަންޕަށް ފޮނުވައި އެ ޕަންޕް މެދުވެރިކޮށް މޫދަށް ފޮނުވާ ގޮތަށެވެ. ކާނުތައް ބެދިފައި ހުރި ނަމަވެސް އެސިސްޓަމްތައް މެދުވެރިކޮށް ފެންބޮޑުވުން ހައްލުކޮށްދޭނެ ކަމަށް އެމްޑަބްލިޔްއެސްސީ އިން ބުނެ އެވެ.
އަކްރަމް އިތުރަށް ވިދާޅުވީ އެފަދަ ސިސްޓަމްތަކެއް ސުޓޭޑިއަމްއާއި ކަޅުތުއްކޮލާ ކޮއްޓާއި ދޭތެރޭގަޔާއި ސޯޝަލް ސެންޓަރު ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދުގައި ވެސް ސިސްޓަމްތައް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެސިސްޓަމްތައް ގާއިމް ކުރުމުގެމަސައްކަތް ވަރަށް އަވަހަށްފެށި މުޅި ޕްރޮޖެކްޓް އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް 4.3 މިލިއަން ރުފިޔާގެ މަޝްރޫއެއް އެމްޑަބްލިޔުއެސްސީ އާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.