12 Jan 2015, 13:23
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޕަކްސާއަށް ރިޔާސީ އިންތިހާބު ނާކާމިޔާބު ވެވަޑައިގެންނެވުމުން ބަޣާވާތެއް ކުރައްވަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށް، އެކަން ތަހުގީގު ކުރާނެ ކަމަށް އާ ސަރުކާރުން ބުނެފި އެވެ.
ރައީސް މައިތިރިޕާލާ ސިރިސޭނާގެ އަރިސްބޭފުޅެއް ކަމަށްވާ މަންގަލަ ސަމަރަވީރާ ވިދާޅުވި ކަމަށް ބީބީސީ ބުނީ ބާރުތައް ބަދަލުކުރީ ސުލްހަވެރިކަމާއި އެކުގައި ކަމަށް މީހުންނަށް ހީވީ ކަމަށެވެ.
"...މީހުން ހީކުރީ އެއީ ސުލްހަވެރި ބަދަލުކުރުމެއް ކަމަށް. އެކަމަކު އެކަންވީ އެހެން ގޮތަކަށް،" ސަމަރަވީރަ ވިދާޅުވި ކަމަށް ބީބީސީ ބުންޏެވެ.
އިންތިހާބުން ބަލިވެވަޑައިގެންނެވުމުން ސިފައިން ބޭނުންކުރައްވައިގެން ވެރިކަން ދިފާއު ކުރެއްވުމަށް ރާޖަޕަކްސާ މަސައްކަތް ކުރެއްވި ކަމަށް ދެކެވޭ ވާހަކަތައް ރާޖަޕަކްސާ ދޮގުކުރައްވަ އެވެ. އޭނާގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ އެ ތުހުމަތުތަކަކީ ބުހުތާން ދޮގުތަކެއް ކަމަށެވެ.
ނަމަވެސް ސަމަރަވީރާ ވިދާޅުވެފައި ވަނީ ބޭނުން ޖެހިއްޖެ ނަމަ ބާރުގެ ބޭނުންކޮށްގެން ވެސް ވެރިކަން ދެމެހެއްޓެވުމަށް ސިފައިންގެ ވެރިންނާއި ފުލުހުންގެ ވެރިންގެ އެހީތެރިކަން ހޯއްދަވަން ރާޖަޕަކްސާ މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ސަރުކާރުން އެންމެ އަވަހަށް ތަހުގީގުކުރާނީ އެމައްސަލަ ކަމަށެވެ.
"އާ ކެބިނެޓުން ތަހުގީގުކުރާނެ އެންމެ ފުރަތަމަ ކަމަކީ ބަޣާވާތާއި ރާޖަޕަކްސާގެ ނުބައި ރޭއްވެވުން،" ސަމަރަވީރާ ވިދާޅުވެފައިވެ އެވެ.