މަރުކަޒީ ބޭންކް، އެމްއެމްއޭގެ "ފޮރިން ކަރަންސީ ފައިނޭންޝަލް އެސެޓް" އަށް މަސް ދުވަހުގެ ތެރޭގައި 9.83 މިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ އެ ބޭންކްގެ މިދިޔަ މަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުން "ފޮރިން ކަރަންސީ ފައިނޭންސްޝިއަލް އެސެޓްސް"އަށް މަސް ދުވަހުގެ ތެރޭގައި 9.83 މިލިއަން ރުފިޔާ އިތުރުވެފައިވާ އިރު "ލޯކަލް ކަރަންސީ ފައިނޭންޝަލް އެސެޓް" ވަނީ 4.4 މިލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ. އެހެންކަމުން މިދިޔަ މަސް ދުވަހުގެ ތެރޭގައި އެ ބޭންކްގެ "ޓޯޓަލް ފައިނޭންޝަލް އެސެޓް" ވަނީ 9.78 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

ފޮރިން ކަރަންސީ ފައިނޭންޝިއަލް އެސްޓް މިދިޔަ މަހު އިތުރުވެފައިވީ ނަމަވެސް ނިމިދިޔަ ނޮވެމްބަރު މަހު އެ އަދަދު ވަނީ 67 މިލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ. އެއަށް ފަހު އެ އަދަދަށް އަނެއްކާ ވެސް މިވަނީ 9.83 މިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބިފަ އެވެ.

އެމްއެމްއޭގެ މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު އެ ބޭންކްގެ "ޓޯޓަލް ފައިނޭންޝަން ލައިބިލިޓީ" ވަނީ މަސް ދުވަހުގެ ތެރޭގައި 9.81 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި އެ ބޭންކްގެ ޓޯޓަލް ލައިބިލިޓީ ވަނީ 1.13 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.

އެމްއެމްއޭ އިން ހިމަނާފައި ހުރި ނޯޓުތަކުގައި ބުނެފައި ވަނީ ދައުލަތުގެ ރިޒާވު މަތިވުމާއި ދަށްވުން ބިނާވެފައި ވަނީ އެމްއެމްއޭގެ ރައުސްމާލުގައި ހިމެނޭ ރަނާއި ބޭރު ފައިސާ އާއި އަދި ރުފިޔާގެ އަގަށް އަންނަ ބަދަލުތަކުގެ މައްޗަށް ކަމަށެވެ.