އެމްޑީޕީގެ މެމްބަރު ކަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މުސާ މަނިކު ވަކިކުރިކަން އެނގެން ނެތް ކަމަށް އެ ޕާޓީގެ އިސްތިއުނާފު ކޮމިޓީ އިން ބުނެފައިވާ ކަމަށް މޫސަ ވިދާޅުވެއްޖެ އެވެ.

މޫސަ މިއަދު 'ސަން' އަށް ވިދާޅުވީ އޭނާ ޕާޓީން ވަކިކުރުމަށް ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވާ ނިންމުމާ ގުޅިގެން އިސްތިއުނާފު ކޮމިޓީ އަށް ހުށަހަޅުއްވާފައިވާ މައްސަލައަށް ޖަވާބުދާރީވެވަޑައިގެންފައިވާ ކަމަަށެވެ. އެ ޕާޓީން މޫސަ ވަކިކުރިކަން ނިންމެން އަދި ނެތް ކަމަށް ވެސް އެ ކޮމިޓީން ބުނެފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.

"އިސްތިއުނާފު ކޮމިޓީ އިން އިއްޔެ އަޅުގަނޑަށް އަންގާފައި އޮތީ ޕާޓީން ވަކިނުކުރާކަން، އަދި ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން މޫސަ ޕާޓީން ވަކިކުރަން ނިންމި ނިންމުން އެއްވެސް ފަރާތަކުން ތަންފީޒުކޮށް، ޕާޓީން ވަކިކޮށްފައި ވާނަ ކޮމިޓީ އަށް މޫސަ ނުގެންނާނެ ކަމަށާއި މޫސައަކީ ޕާޓީން ވަކިކޮށްފައިވާ މީހެއް ނޫން ކަމަށް ކޮމިޓީން ބުނީ،،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ފަނޑިޔާރުންގެ މައްސަލާގައި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ނެެރެފައިވާ ވިޕްލައިނަކީ ޕާޓީގެ ވިސްނުމާ ޚިލާފަށް ނެރެފައިވާ ވިޕްލައިނެއް ކަމަށާއި އެ ވިޕްލައިންނަކީ އެ ޕާޓީގެ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ޕީޖީ ގްރޫޕުން ނެރެފައިވާ ވިޕެއް ކަމުގައިވާއިރު ވިޕްލައިން ނެރުމުގެ ކުރިން އެ މައްސަލަ ހައްލުކުރުމަށް ޕާޓީގެ ލީޑާޝިޕުން މަސައްކަތް ނުކުރެއްވީ ކީއްވެތޯ އިސްތިޢުނާފް ކޮމިޓީގައި ސުވާލުކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް އެ ސުވާލަށް އެ ކޮމިޓީން ޖަވާބު ނުދީ ހަތަރު ވިޕްލައިނާ މޫސަ އިލާފްވެފައިވާނެތޯ ސުވާލުކުރި ކަމަށެވެ.

ނަމަވެސް ހަތަރު ވިޕްލައިނަކާ ހިލާފްވެފައިނުވާނެ ކަމަށާއި ހިލާފްވި ކަމަށް ބުނާ އެ ވިޕްލައިންތަކަކީ އަލުން ވިސްނުމަށް ފަހު ބަދަލުކޮށްދިނުމަށް އެދިފައިވަނިކޮށް ނެރެފައިވާ ވިޕްލައިންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އުއްތަމަ ފަނޑިޔާރު ހިމާޔަތް ކުރުމަށް ޓަކައި އެމްޑީޕީގެ އުސޫލުތައް ބަދަލުވީތޯ އާއި ލީޑާޝިޕުން ނިންމާ ނިންމުމަކީ ޕާޓީގެ އާއްމު މެމްބަރުންގެ އިހުސާސްތަކަށް ނުބަލައި ނިންމާފައިވާ ނިންމުމެއް،" މޫސަ ވިދާޅުވި އެވެ.

މީގެ އިތުރުން މުސާ އެޕާޓީން ވަކިނުކުރަން ނިންމި ނިންމުމަކީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީޒްގައި ބައިވެރިވާނެ ކަމަށް އޭނާ އިޢުލާން ކޮށްފައިވާތީ އެކަމަށް ހުރަސްއެޅުުމުގެ ގޮތުން އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވާ ނިންމުމެއް ކަމާ މެދު މިހާރު ޝައްކު އުފެދޭ ކަމަށް ވިދާޅުވެ އެ މައްސަލަ ބަލައިދިނުމަށް ވެސް މޫސަ ވަނީ އެކޮމިޓީއަށް ހުށަހަޅުއްވައިފަ އެވެ.

އިސްތިއުނާފް ކޮމިޓީގެ މެމްބަރަކު މިއަދު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފް ކޮމީޓީން ބަލަމުންގެންދާތީ އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ދެންނެވެން ނެތް ކަމަށެވެ. އަދި އެ މައްސަލަ ވީއެންމެ އަވަހަކަށް ބަލައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޫސަގެ އިތުރުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ފަސް މެމްބަރެެއްގެ މައްޗަށް ފިޔަވަޅު އެޅުމަށް ފިޔަވަޅު އަޅާ ކޮމިޓީން ނިންމީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ނެގި ވޯޓުގައި އެމްޑީޕީ އިން ނެރުނު ތްރީލައިން ވިޕާ ހިލާފުވުމާ ގުޅިގެންނެވެ.

ނަމަވެސް މޫސަ އަލުން އެ ޕާޓީއާ ގުޅެން ބޭނުންވެއްޖެ ނަމަ 50 މެމްބަރުންގެ ސޮއާ އެކު މެމްބާޝިޕް ފޯމް ހުށަހަޅުއްވަންޖެހެ އެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ޕާޓީގެ މެމްބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންނަވަން ޖެހެ އެވެ. އަދި މޫސަ އަލުން އެ ޕާޓީ އަށް ގުޅިވަޑައިގަންނަވާ ތާރީހުން ފެށިގެން ފަސް އަހަރު މުއްދަތުގެ ތެރޭގައި އެ ޕާޓީގެ އެއްވެސް މަގާމަކަށް ވާދަ ނުކުރެވޭ ގޮތަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.