ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލަންޖު ކަޕްގެ ޗެމްޕިއަންކަން ހޯދައިގެން އޭޝިއަން ކަޕަށް ދިޔަ ފަލަސްތީން ޓީމު، އޭޝިއާގެ ފުޓްބޯޅައިގެ ގަދަ ބާރު ޖަޕާނާ ދެކޮޅަށް މިއަދު ނުކުތް މެޗުގައި ރާއްޖޭގެ ގައުމީ ދިދަ ވިހުރުވާލައިފި އެވެ.

މެއި 30، 2014 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގެ ފައިނަލުގައި ފަލަސްތީނުގެ ދިފާއުގައި ދިވެހި ސަޕޯޓަރުން ގަލޮޅު ދަނޑު ގުގުމާލި ހަނދާނަށް ޝުކުރު އަދާކޮށް، ދިވެހި ދިދަ އޮސްޓްރޭލިއާގެ ނިއުކާސަލް އިންޓަނޭޝަނަލް ސްޕޯޓްސް ސެންޓާގައި މިއަދު ވަނީ ވިހުރުވާލާފަ އެވެ.

އޭޝިއަން ކަޕްގައި ފަލަސްތީނު ޓީމަށް ސަޕޯޓު ކުރަން ގޮސްތިބި ސަޕޯޓަރުން ވަނީ ރާއްޖޭގެ ދިދައާއެކު ނަގާފައިވާ ފޮޓޯތައް ޓްވީޓް ކޮށްފަ އެވެ. އަދި އެ ފޮޓޯތަކުގައި ފަލަސްތީނުގެ ސަޕޯޓަރުން ވަނީ ރާއްޖެއަށް ޝުކުރު އަދާކޮށް ރާއްޖޭގައި ބޭއްވި އޭފްސީ ޗެލޭންޖު ކަޕްގައި ދިވެހީން އެ ގައުމުގެ ޓީމަށް ސަޕޯޓު ކުރި ކުރުން ދުވަހަކު ވެސް ހަނދާނުން ނުނެތޭނެ ކަމަށް ބުނެފަ އެވެ.

"އަހަރުމެން ހަނދާނެއް ނުނެތޭ، އަދި ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ،" ފަލަސްތީނުގެ ސަޕޯޓަރުންގެ ޓްވީޓްތަކުގައި ވެއެވެ.

އެ ޓްވީޓްތަކަށް ޖަވާބު ދިނުމުގެ ގޮތުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވެސް ވަނީ ރާއްޖެ އޮތީ ފަލަސްތީނާއެކު ކަމަށް އަންގައިދިނުމުގެ ގޮތުން ޓްވީޓްތަކެއް ކޮށްފަ އެވެ.

ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ޗެންޕިއަންކަން ފަލަސްތީނުން ހޯދީ މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ، ބައިކޮޅަށް އެއްވެސް ލަނޑެއް ވަނަ ނުދީ އެވެ. އެ މުބާރާތުގެ ސެމީ ފައިނަލުން ރާއްޖެ ކެޓީ ފިލިޕީންސް އާ ބައްދަލުކޮށް 2-3 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ ފަލަސްތީނާއި ފިލިޕީންސް އެވެ. އެ މެޗުގައި ފަލަސްތީނު ޓީމަށް ސަޕޯޓު ކުރަން ދިވެހި އެތައް ސަތޭކަ ސަޕޯޓަރުން ވަނީ އެ ގައުމުގެ ދިދަޔާއެކު ދަނޑަށް ވަދެފައެވެ. އަދި އެ މުބާރާތުގެ ތަށި ފަލަސްތީނަށް ލިބުމުން، އެ ގައުމުގެ ރައީސް މަހަމޫދް އައްބާސް ވަނީ ރައްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ފޯނުން ގުޅުއްވައި ދިވެހި ސަޕޯޓަރުންނަށް ތައުރީފް ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.