12 Jan 2015, 12:48
ގިނަ ދާއިރާތަކަކުން ރާއްޖެއަށް އެހީތެރިވަމުން އަންނަ ޖަޕާނުން ރާއްޖޭގައި އެގައުމުގެ އެމްބަސީއެއް ގާއިމްކުރަން ނިންމައިފި އެވެ.
ޖަޕާނުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ޖަޕާން ޓައިމްސް ނޫހުން އިއްޔެ ބުނީ ރާއްޖެ ހިމެނޭ ގޮތުން ހަ ގައުމެއްގައި އެމްބަސީ ހުޅުވުމަށް ބޭނުންވާ ފައިސާ އެގައުމުގެ މި އަހަރުގެ ބަޖެޓް ޑްރާފްޓްގައި ހިމަނާފައިވާ ކަމަށެވެ. އަދި ބުނީ ހަ އެމްބަސީގެ އިތުރުން ދެ ކޮންސިއުލޭޓެއް ގާއިމް ކުރުމަށް ވެސް ބަޖެޓްގައި ހިމަނާފައިވާނެ ކަމަށެވެ.
ރާއްޖޭގެ އިތުރުން މި އަހަރު އެމްބަސީ ގާއިމްކުރުމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީން ނިންމާފައި ވަނީ ސޮލޮމަން އައިލެންޑްސްއާއި ބާބެޑޯސްއާއި ތަޖިކިސްތާނާއި ތުރުކުމޭނިސްތާނާއި މޯލްޑޯވާގަ އެވެ.
ނޫހުން ބުނީ މިއީ ޖަޕާނުން އެއްފަހަރާ ބޭރުގައުމުތަކުގައި އެންމެ ގިނަ މިޝަންތައް ހުޅުވާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ބުނީ މި އަހަރަކީ ދެވަނަ ބޮޑުހަނގުރާމަ ނިމުނުތާ 70 އަހަރު ފުރޭ އަރަށް ވާތީ ޑިޕްލޮމެޓިކް ގޮތުން އެގައުމުގެ ނުފޫޒު ގަދަ ކުރުމަށް ޖަޕާނު ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޖަޕާނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1967 ވަނަ އަހަރުއެވެ. އެގައުމުގައި ރާއްޖޭގެ އެމްބަސީއެއް ހުންނަ އިރު ރާއްޖެއާ ގުޅޭ ކަންތައްތައް ހަމަޖައްސަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ އެމްބަސީންނެވެ.