12 Jan 2015, 12:20
ޒަކާތު ފަންޑުގައި މުޅި ޖުމުލަ 70 މިލިއަން ރުފިޔާއަށް ވުރެއް ގިނައިން އެބަހުރި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޒަކާތާއި ގުޅޭ ގާނޫނު ޑްރާފްޓު ކުރުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ވޯކްޝަޕް ފައްޓަވައިދެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝަހީމް ވިދާޅުވީ ޒަކާތާއި ދޭތެރޭ މީހުން އަންނަނީ އަހަރަކަށް ވުރެއް އަހަރެއް ހޭލުންތެރިވަމުން ކަމަށެވެ. ޒަކާތު ފަންޑަށް ލިބޭ ފައިސާ އިތުރުވުމަކީ އެކަމުގެ ހެއްކެތް ކަމަށް ޝަހީމް ވިދާޅުވި އެވެ.
"2008 ވަނަ އަހަރު ޒަކާތުގެ ފައިސާއަށް 14 މިލިއަން ރުފިޔާ ވަނީ ލިބިފައި. އެ އަށްފަހު ޒަކާތަށް ލިބޭ ފައިސާ ވަނީ އިތުރުވަމުން އިތުރުވަމުން ގޮސްފައި. އެގޮތުން ފާއިތުވި 2014 ވަނަ އަހަރު ޒަކާތު ފަންޑަށް 52 މިލިއަން ރުފިޔާ ވަނީ ލިބިގެން ގޮސްފައި. އެކަމުން ދައްކުވައި ދެނީ މި ކަމަށް މީހުން ހޭލުންތެރިވެފައިވާ މިންވަރު،" ޝަހީމް ވިދާޅުވި އެވެ.
އިތުރަށް ވާހަކަފުޅުދައްކަވަމުން ޝަހީމް ވިދާޅުވީ 2013 ވަނަ އަހަރު ޒަކާތު ފަންޑަށް 45 މިލިއަން ރުފިޔާ ލިބުނު ކަމަށާއި 2012 ވަނަ އަހަރު 37 މިލިއަން ރުފިޔާ އެ ފަންޑަށް ޖަމާވެފައިވާ ކަމަށެވެ.
"އަޅުގަނދު ގަބޫލުކުރާ ގޮތުގައި މި ލިބޭ ފައިސާ ހެޔޮގޮތުގައި ބޭނުންކުރުމަށް އެބަޖެހޭ ގާނޫނީ ގޮތުން މި ފައިސާ ހިމާޔަތް ކުރެވި އަދި ގާނޫނީ ގޮތުން މި ފައިސާ ހެޔޮގޮތުގައި ބޭނުން ކުރެވޭނެ ސިސްޓަމެއް ގެންނަން،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ގާނޫނީ ގޮތުން ޒަކާތުގެ ކަންކަން ރަނގަޅު ކުރެވޭނެ ކަމަށެވެ. އަދި ރަނގަޅަށް އެކަން ކުރެއްވިއްޖިއްޔާ ގާތްގަނޑަކަށް 500 މިލިއަނާ ގާތް ކުރާ އަަދަދަކަށް ޒަކާތު ފަންޑަށް ފައިސާ ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ޒަކާތް ދައްކާ ފަރާތްތަކުގެ މައުލޫމާތާއި ޒަކާތް ދެއްކި މީހުންގެ އަދަދު ފަސޭހައިން ފެންނާނެ ގޮތަށް ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. ޝަހީމް ވިދާޅުވި ގޮތުގައި އެ ސިސްޓަމް ގާއިމް ކުރުމަށްޓަކައި އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކާއެކު މިނިސްޓްރީ އިން ދަނީ ގިނަ މަަސައްކަތްތަކެއް ކުރަމުންނެވެ.