މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަންގެ ގައުމީ ވޮލީބޯޅަ ލީގުގައި ކޮމަންޑޫ ޔޫތު ޑިވަލޮޕްމަންޓް ޓީމާއި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް (އެމްއެސްސީ) ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް، އެ ދެ ޓީމް މުބާރާތުގެ ސެމީފައިނަލުން ޖާގަ ކަށަވަރު ކޮށްފިއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއްވެސް ތިން މެޗު ކުޅެން ހަމަޖެހިފައި ވާއިރު، ކޮމަންޑޫ ޓީމާއި އެމްއެސްސީ ސެމީން ޖާގަ ކަށަވަރު ކުރީ މުބާރާތުގައި މިހާތަނަށް އެ ދެ ޓީމް ކުޅުނު ދެ މެޗުވެސް ކާމިޔާބު ކޮށްގެނެވެ. އެ ދެ ޓީމަށް މުބާރާތުގެ ސެމީން ޖާގަ ކަށަވަރު ވެފައި ވާއިރު، ގްރޫޕް 'އޭ' ގައި ހިމެނޭ އަނެއް ދެ ޓީމް ކަމަށްވާ ކްލަބް ހާފް ލައިން ލިންކޭޖް އާއި އޭއޭއާރް، މިހާރު ވަނީ މުބާރާތުން ކަޓާފައެވެ.

ރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު ފުރަތަމަ މެޗުގައި އެމްއެސްސީ އާ ދެކޮޅަށް ވާދަކުރީ ކްލަބް ހާފް ލައިން ލިންކޭޖް އެވެ. އެ މެޗު އެމްއެސްސީ ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މުބާރާތުގައި އެ ޓީމް ކުޅުނު ފުރަތަމަ މެޗުވެސް ސީދާ ތިން ސެޓުން ކާމިޔާބުކުރި އެމްއެސްސީ، ރޭގެ މެޗުގެ ސެޓުތައް ކާމިޔާބު ކުރީ 18-25، 20-25 އަދި 12-25 ގެ ނަތީޖާއަކުންނެވެ. އަދި އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމް ކުޅުނު ފުރަތަމަ މެޗުގައިވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ ދީޕްތީ ރޮމޭޝް އެވެ.

ރޭ ކޮމަންޑޫ ޓީމް ކުޅުނު މެޗުގައި އެ ޓީމާ ދެކޮޅަށް ވާދަކުރީ އެސޯސިއޭޝަން ފޯ އެވެއާނެސް އެންޑް ޔުނިޓީ (އޭއޭއާރް) އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ސެޓު 23-25 ގެ ނަތީޖާއަކުން ކޮމަންޑޫ ޓީމް ކާމިޔާބު ކުރިއިރު، މެޗުގެ ދެވަނަ ސެޓު އޭއޭއާރް ކާމިޔާބު ކުރީ 22-25 ގެ ނަތީޖާއަކުންނެވެ. އެ މެޗު ކޮމަންޑޫ ޓީމް ކާމިޔާބު ކުރީ ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓު 15-25 އާއި 22-25 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެނެވެ. އަދި އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމް ކުޅުނު ފުރަތަމަ މެޗުގައިވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހަސަން ނިލާމް އެވެ.

އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް 'ބީ' ގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޔޫތު ނިއު ޖެނެރޭޝަން އާއި ކްލަބް ޕީކޭ އެވެ. އެ މެޗު ކްލަބް ޕީކޭ ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެ ކްލަބުން ގެންދިޔައީ 23-25، 22-25 އަދި 17-25 ގެ ނަތީޖާއަކުންނެވެ. އަދި އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލަބް ޕީކޭގެ ހަސަން އިބްރާހިމް އެވެ.

އެ މުބާރާތުަގއި މިއަދު ގްރޫޕް 'ބީ' ގެ ދެ މެޗު ކުޅެން ހަމަޖެހިފައި ވާއިރު، މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ އައިލެންޑް ޑިވަލޮޕްމަންޓް އެންޑް އެވެއާނެސް ސޮސައިޓީ އާއި ކްލަބް ޕީކޭ އެވެ. އަދި މިރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ކްލަބް ވެލެންސިޔާ އާއި ޔޫތު ނިއު ޖެނެރޭޝަން އެވެ.