އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު، ސްޓޯކް ސިޓީއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި އެޓީމުގެ ޑިފެންޑަރު މެތިއު ޑެބޫޝީގެ ކޮނޑުހުޅު ނެއްޓި ލިބުނު އަނިޔާގެ ސަބަބުން ހަފްތާއަކަށް ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ.

އަމިއްލަ ދަނޑުގައި 3-0 ލަނޑުން ސްޓޯކް އަތުން އާސެނަލް މޮޅުވި މެޗުގެ 13 ވަނަ މިނިޓްގައި، 29 އަހަރުގެ ފްރާންސް ޑިފެންޑަރުގެ ކޮނޑު ހުޅު ނެއްޓުނީ، ސްޓޯކްގެ މާކޯ އަރްނޮޓޮވިޗާ ދެމީހުން މުޑިއަރައި، ދަނޑުމައްޗަށް ވެއްޓުނު ވަގުތު ޑެބޫޗީގެ ކޮނޑު ވަރަށް ބާރަށް ބިންމަތީގައި ޖެހުމުންނެވެ.

"އޭނާގެ ކޮނޑުހުޅު ނެއްޓުނީ. ރަނގަޅުވާން ހަފްތާއެއްހާ ދުވަސް ނަގާނެ. އޭނާ ޖެހޭނީ ސްޕެޝަލިސްޓަކަށް ދައްކަން،" ޑެބޫޝީގެ އަނިޔާއާ ގުޅޭގޮތުން އާސެނަލްގެ ކޯޗު އާސެން ވެންގާ ބުންޏެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު، ނިއުކާސަލް ޔުނައިޓެޑުން އާސެނަލްއާ ގުޅުނު ޑެބޫޝީގެ ތަނބިކަށްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވެސް އޭނާ ވަނީ ތިން މަސް ދުވަހު ކުޅުމާ ދުރުގައި ހުންނާންޖެހިފައެވެ.

މެޗަށް ފަހު ވެންގާ ވަނީ، ކުރިއަށް އޮތް ހަފްތާގައި ޑެބޫޝީއަށް ނުކުޅެވޭނޭކަން ކަށަވަރު ކޮށްދީފައެވެ. ތަނބިކަށްޓަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން އެޓީމުގެ ލެފްޓް-ބެކް، ކިއެރަން ގިބްސްއަށް ވެސް ކުޅުމާ ދުރުގައި ހުންނާން ޖެހިފައިވާތީ، މިފަހަރުގެ ޓްރާންސްފާގައި އާސެނަލްގެ ޑިފެންސް ލައިން ރަނގަޅު ކުރުމަށް ވިސްނުމަށް ވެންގާއަށް މަޖުބޫރުވާނެ އެވެ.

"ނާކޯ މޮންރިއަލްއާއި ޑެބޫޝީއަށް ސެންޓަ-ބެކަށް ކުޅެވިދާނެ. އެކަމަކު ގިބްސް ނެތްތަން ފޫބެއްދޭކަށް ނެތް. ޑެބޫޝީ ނެތް ނަމަ މޮންރިއަލްއަށް ސެންޓަ-ބެކަކަށް ނުކުޅެވޭނެ،" ވެންގާ އޭނާއަށް ކުރިމަތިވެފައިވާ މައްސަލަތައް ކިޔައިދިނެވެ. "މިއީ އަހަރެމެންނަށް އެންމެ މައްސަލަ ބޮޑު ޑިޕާޓްމަންޓް."

މީގެ ކުރީން ޑެބޫޝީއަށް އަނިޔާގައި ހުރި ތިން މަސްދުވަހު އޭނާގެ ބަދަލުގައި ވެންގާ ބޭނުންކުރީ، ކޭލަމް ޗެމްބާސްއެވެ. ނަމަވެސް ބަލިވެ އުޅުމުގެ ސަބަބުން ސްޓޯކާ ދެކޮޅަށް ކުޅުނު މެޗުގައި ޗެމްބާސް ބައިވެރިއެއް ނުވެއެވެ.