ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރޭ "ރަން ދިހަފަހެއް" ނޫޓު ސީރީޒްގެ ޕްރެޒެންޓޭޝަން ހުށަހެޅުމަށް ހަ ޕްރޮޕޯސަލް އެއް ޝޯޓްލިސްޓް ކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރަންދިހަ ފަހެއް ނޫޓު ސީރީޒް އަށް ކުރެހުން ހޮވުމަށް ލަފާދޭ ކޮމިޓީ އިން ހަ ޕްރޮޕޯސަލެއް ހޮވާފައި ވަނީ މިދިޔަ މަހުގެ ނިޔަލަށް ލިބިފައިވާ 29 ޕްރޮޕޯސަލްގެ ތެރެއިން ނެވެ.

ޝޯޓްލިސްޓް ކުރި ހަ ފަރާތުގެ ޕްރޮޕޯސަލް އާ ބެހޭ ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ މިއަންނަ ހޮނިހިރު ދުވަހު އެވެ. ޕްރެޒެންޓޭޝަންގައި ދައްކާ ހަ ފަރާތުގެ ތެރެއިން ކޮމިޓީ އަށް އެންމެ ރަނގަޅު ކަމަށް ފެންނަ ތިން ފަރާތަކަށް "ރަން ދިހަފަހެއް" ނޫޓު ސީރީޒްގެ ހުރިހާ ނޫޓެއް ފަރުމާ ކުރުމަށް ހަވާލު ކުރާނެ ކަމަށް އެ އޮތޯރިޓީ އިން ބުނެފައިވެ އެވެ. އެއީ އާންމުކޮށް ދައުރުވާ ހަ ނޫޓާއި މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރޭ ހަނދާނީ ނޫޓެވެ.

ޕްރޮޕޯސަލްގެ ޕްރެޒެންޓޭޝަން ހުށަހެޅުމަށް ޝޯޓްލިސްޓް ކުރި ހަ ފަރާތަކީ ގ. ބަތަލާ، އަލީ ބުންޔާމީން އަބްދުﷲ އާއި ހ. އަލިނަރު ވިލާ މުއާވިޔަތު އަލީ އާއި ބ. ކެންދޫ ޖަވާހިރުމާގޭ އަބްދުﷲ ނަޝާތު އަދި މ. މޭރީ އަފްޒަލް ޝާފިއު އެވެ. އަދި މ. ރޯޒީ ސައިޑް މުހައްމަދު ރައްސާމް އާއި ގ. އަނބުގެ ހުސައިން ޝިހާބު އަދި މ. ނިޔަމި، ނިޝާން ރަޝީދު ހަށަހެޅި ޕްރޮޕޯސަލް ގެ އިތުރުން މ. ޖޭމު، އަހުމަދު ޔާއިޝް މުހައްމަދު އަދި މއ. ވިނަގަނޑު އީމާއު އަހުމަދު ހުށަހެޅި ޕްރޮޕޯސަލްވެސް ހިމެނެ އެވެ.

ކުރެހުންތައް ހޮވުމަށް ކޮމިޓީގެ ލަފާ ހޯދުމުގެ އިތުރުން އެ ފަރުމާތަކާ މެދު އިސްމާއިލް ފަތުހީ އާއި އަބްދުﷲ ޞާދިގުގެ ލަފާ ހޯއްދެވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އެ ނޫޓުތައް ފާސްކުރާނީ އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.

"ރަންދިހަ ފަހެއް" ސީރީޒްގެ ނަމުގައި ނެރުމަށް ނިންމާފައިވާ ދިވެހި ރުފިޔާގެ ނޫޓް ސެޓް ޑިޒައިންކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އާންމުންނަށެވެ. އަދި ދިވެހި ރުފިޔާގެ އެ ނޫޓް ސެޓްގައި މުޅިންއާ އެންމެ ފަހުގެ ސަލާމަތީ ފިޔަވަޅުތައް ހިމެނޭނެ ކަމަށާއި މިހާރު ބޭނުން ކުރާ ނޫޓްތަކުގައި ހުންނަ ޑިޒައިންގެ ބަދަލުގައި އެ ނޫޓްތަކުގައި ހުންނާނީ މުޅިން އާ ޑިޒައިނެއް ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ.

ނޫޓްސެޓް ޑިޒައިން ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާ އިރު އެންމެ ރަނގަޅު ކޮންސެޕްޓެއް ހުށަހަޅާ ފަރާތަކަށް، 400،000 ރުފިޔާ ދޭން އެމްއެމްއޭ އިން ވަނީ ނިންމާފަ އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި މުޅިން އާ ނޫޓް ސެޓެއް ނެރެން ނިންމީ، ދިވެހި ރުފިޔާގެ ނޫޓުތަކުގައި ހިމެނޭ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރެވެން އޮތީ މިހާރު ގެންގުޅޭ ނޫޓްގެ ބަދަލުގައި މުޅިން އާ ނޫޓްތަކެއް ތަފާތު ޑިޒައިނަކާ އެކު ތައާރަފުކޮށްގެން ކަމަށެވެ.