12 Jan 2015, 10:59
ސްޕެނިޝް ލަލީގާގައި ތާވަލުގެ ތިންވަނަ ޓީމް އެތުލެޓިކޯ މެޑްރިޑާއި ދެވަނަ ޓީމް ބާސެލޯނާ ރޭ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ބާސާއިން އަނެއްކާ ވެސް ތާވަލްގެ އެއްވަނައިގައި އޮތް ރެއާލްއާ އެއް ޕޮއިންޓް ގާތަށް ޖެހިލައިފި އެވެ.
ރޭގެ ކާމިޔާބީއާއެކު ބާސާ މިހާރު ވަނީ ލީގުގައި 41 ޕޮއިންޓް ހޯދާފަ އެވެ. އަދި ރެއާލް މިހާރު 42 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އޮތް އިރު، އެ ޓީމް ވަނީ ބާސާއަށްވުރެ އެއް މެޗު އިތުރަށް ކާމިޔާބުކޮށްފަ އެވެ. ބާސާއަށް ދެން އެ ޓީމަށް ވުރެ ކުރިއަށް ޖެހިލެވެން އޮތީ ރެއާލް ކުރިއަށް ކުޅެން އޮތް މެޗަކުން ބަލިވުމުންނެވެ. އަދި ތާވަލްގެ ތިންވަނައިގައި 38 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް އަދިވެސް އޮތްއިރު، އެ ޓީމާ ތާވަލްގެ ހަތަރު ވަނަ ސެވިއްލާއާ މެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ.
ރޭގެ މެޗު ބާސާއިން ފެށީ އެތުލެޓިކޯ މެޑްރިޑް ފަހަތަށް ޖައްސާލަމުންނެވެ. މެޗުގެ ފުރަތަމަ ވަގުތުކޮޅު ވެސް ބާސާ ރަނގަޅު ހަމަލާތަކެއް އުފައްދާފައި ވާއިރު، އެ ވަގުތުކޮޅު އެތުލެޓިކޯ މެޑްރިޑު ޖެހުނީ ހަމަލާއެއް އުފައްދަން ނުވިސްނަ ބޮޑަށް ޑިފެންސަށް އިސްކަން ދޭށެވެ. ބާސާގެ ޕްރެޝަރުގެ ނަތީޖާއަކަށްވީ މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމްގެ ނޭމާ އެތުލެޓިކޯ މެޑްރިޑުގެ ގޯލު ފޫއަޅުވާލައި، މެޗުގައި ބާސާއަށް ލީޑު ހޯދައިދިނުމެވެ.
ފުރަތަމަ ހާފުގައި މެޗު ކޮންޓްރޯލް ކުރަމުން ދިޔަ ބާސާގެ ނޭމާ، މެސީ އަދި ސުއަރޭޒްގެ ފަރާތުން މެޗުގައި ފެނިގެން ގޮސްފައި ވަނީ ރީތި ކުޅުމެކެވެ. އެ ތިން ކުޅުންތެރިން ބަސާގެ ފޮވާޑް ލައިން ލީޑު ކުރަމުން ދިޔަ އިރު، އެތުލެޓިކޯ މެޑްރިޑަށް ވަނީ ބޮޑެތި ޕްރެޝަރު ތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. ބާސާ މެޗުގެ ލީޑް އިތުރަށް ފުޅާ ކޮށްލީ ވެސް ފުރަތަމަ ހާފްގަ އެވެ. މެޗުގެ 35 ވަނަ މިނެޓުގައި ބާސާގެ ދެ ވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލުއިސް ސުއަރޭޒެވެ.
މެޗުގައި އެތުލެޓިކޯ މެޑްރިޑަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކުރެވުނީ ދެވަނަ ހާފްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 56 ވަނަ މިނެޓުގައި މެސީ ކުރި ފައުލަކާ ގުޅިގެން އެތުލެޓިކޯއަށް ލިބުނު ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ މާރިއޯ މަންޒުކިޗް އެވެ.
މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ބާސާ ވަނީ އަނެއްކާވެސް އެ ޓީމްގެ ލީޑު ދެ ލަނޑަށް ފުޅާ ކޮށްލާފައެވެ. މެޗުގައި ބާސާގެ ފަހު ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެސީ އެވެ. އެ ލަނޑާއެކު މެޗު ނިމިގެން ގޮސްފައި ވަނީ އެތުލެޓިކޯއަށް މާ ބޮޑު ވާދަވެރިކަމެއް ނުދެއްކި އެވެ.