ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭ ކޯޗުކަމުން ދުރުކުރުމަށް ބުނެފައި ނުވާނެ ކަމަށާއި، ބާސާ ދޫކޮށް އެހެން ކްލަބަކަށް ދިއުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެޓީމުގެ ފޯވާޑް ލިއޮނަލް މެސީ ބުނެފި އެވެ.

އެންރިކޭއާ ދެމެދު ހިތްހަމަ ނުޖެހިގެން ކްލަބު ދޫކޮށް ދިއުމަށް މެސީ ނިންމާފައިވާ ކަމަށް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފައެވެ.

"އަހަރެންގެ ވިސްނުމެއް ނެތް، ބާސާ ދޫކޮށް އެހެން އެއްވެސް ކްލަބަކާ ގުޅޭކަށް. ޗެލްސީ އަދި މެންޗެސްޓާ ސިޓީއާ ވެސް ގުޅުމުގެ ވިސްނުމެއް ނެތް،" އެތުލެޓިކޯ މެޑްރިޑް އަތުން 3-1 ލަނޑުން ބާސާ މޮޅުވި މެޗަށްފަހު އުމުރުން 27 އަހަރުގެ ފޯވާޑް ބުންޏެވެ.

"އަހަރެންނޭ ކިޔައިގެން މީހުން ފަތުރާ އެފަދަ ވާހަކަތަކުގެ ސަބަބުން މުޅިން މާޔޫސް ވެއްޖެ. އެއްވެސް މީހަކު ވަޒީފާއިން ދުރުކުރާކަށް އަހަރެން ކްލަބުގައި އެދިފައެއް ނޯންނާނެ."

ބާސެލޯނާގައި މުޅި ފުޓްބޯޅަ ކެރިއަރު ގުނަމުންދާ މެސީ ވަނީ، 2004 ވަނަ އަހަރު ނޫކޭމްޕާ ގުޅުނުފަހުން ތަފާތު ރެކޯޑްތައް މުގުރާލައި ގިނަގުނަ ކާމިޔާބީތަކެއް ހޯދައިފައެވެ.

އެހެން ނަމަވެސް ބާސާގެ ކޯޗު އެންރިކޭއާ މެސީއާ ދެމެތު ހިޔާލުތަފާތުވުންތަކެއް އުފެދި، މެސީ ބާސާ ދޫކޮށް ހިނގައިދާނެ ކަމުގެ އަޑުތައް މިފަހަކަށް އިއިސް މީޑިއާގައި ގަދަވެފައިވެ އެވެ.

"މީހުންނަށް ހީވާ ކަހަލަ ކްލަބު ހިންގަނީ އަހަރެންނޭ. އެކަމަކު އެއީއެއް ނޫން ކަންވާ ގޮތަކީ. އަހަރެން ނޯންނާނެ އެފަދަ ޑިސިޝަނެއް ނަގަން އެދިފައެއް،" މެސީ އިތުރަށް ބުންޏެވެ.

"އަހަރެން ބޭނުން އަހަރެންނޭ ކިޔައިގެން ދެކެވޭ އެފަދަ ހުރިހާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަން މީހުންނަށް އަންގަން.

"މީހުން އެފަދަ ވާހަކަތައް ފަތުރަނީ، އަހަރެމެންނަށް ގެއްލުން ދިނުމުގެ ނިޔަތުގައި. ބާސާ މީހުންގެ ފަރާތުން އެފަދަ ވާހަކަތަކެއް އިވުނީމަ ވަރަށް ދެރަވި. އަހަރެމެން ތިބެންވާނީ އެކަތިގަނޑަކަށް ވެގެން."

ލަލީގާގެ ތާވަލުގެ ކުރީގައި އޮތް ރެއާލް މެޑްރިޑްގެ ކުރިއަށް އެރުމަށް ބާސާއިން ކުރާ މަސައްކަތުގައި ޗެމްޕިއަން އެތުލެޓިކޯއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗު ކާމިޔާބުކުރުމުގައިވެސް މެސީ ވަނީ މުހިއްމު ރޯލެއް އަދާކޮށްފައެވެ.

އާޖެންޓީނާގެ ކެޕްޓަން ވަނީ އެ މެޗުގައި ބާސާ ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން އެއް ލަނޑު ކާމިޔާބުކޮށްދީ، ނޭމާއާއި ލުއިސް ސުއަރޭޒް ޖަހައިދިން ލަނޑުތައް ކާމިޔާބުކުރުމުގައި އެހީތެރިވެދީފައެވެ.

ސްޕެނިޝް ލީގުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ރޭ ހޯދި ކާމިޔާބާއެކު ބާސާ ވަނީ، ތާވަލުގެ އެއްވަނައިގައި 42 ޕޮއިންޓާއެކު އޮތް ރެއާލް އާ ދެމެދު އޮތް ފަރަގު އެންމެ ޕޮއިންޓަކަށް ކުޑަކޮށްފައެވެ.