12 Jan 2015, 10:52
ނުކުޅެދޭ މީހުންގެ މައި ބަދައިގައި ހަރުކުރާ މައުދަނުގެ ހިމަ ނަރުތަކެއްގެ އެހީގައި ހިނގުގެ ގާބިލުކަން ލިބިދޭނެ މަސްނުވީ އެއްޗެއް ފަރަންސޭސީ މާހިރުންތަކެއް ހޯދައިފި އެވެ.
އިންސާނާގެ މައިބަދައިގައި ހަރުކުރާ ގޮތަށް ތައްޔާރުކޮށްފައިވާ އިލާސްޓިކް ރިބަނެއް ކަހަލަ އިމްޕްލާންޓް، އިންސާނާއަށް ބޭނުންވާ އެލެކްޓްރިކް އިމްޕަލްސްތަކާއި ޑްރަގްތައް ހަށިގަނޑަށް ފޮނުވައިދޭނެ އެވެ. ހަށިގަނޑުގައި ހުންނަ ޓިޝޫއާ އެއްގޮތަށް މަސައްކަތްކުރާ އެ އިމްޕްލާންޓް އިންސާނާގެ ސިކުނޑީގައި ވެސް ހަރު ކުރެވޭނެ ކަމަށް ރިސާޗަރުން ބުނެފައިވެ އެވެ.
އިންސާނާގެ މައިބަދައިގެ ޓިޝޫ ކަމަށްވާ ޑިއުރަ-މޭޓާ އެ އިމްޕްލާންޓުން ނަކަލު ކުރާނެ އެވެ. އެހެން ކަމުން އިންސާނާގެ ހަށިގަނޑު އެ އިމްޕްލާންޓް "ރިޖެކްޓް" ނުކުރާނެ ކަމަށް ރިސާޗަރުން ބުނެފައިވެ އެވެ.
"އީ-ޑިއުރާ" އިމްޕްލާންޓް މިހާތަނަށް ޓެސްޓް ކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުރި މީދަލަކަށެވެ. އެ އިމްޕްލާންޓު ހަރުކޮށް ދުވަސްކޮޅެއްގެ ޓްރެއިނިން އާ އެކު އެ މީދަލަށް ވަނީ ދެފައިން ހިނގޭނޭ ގޮތް ވެފަ އެވެ.
އިކޯލް ޕޮލިޓެކްނިކް ފެޑެރާލޭ ޑި ލުއިޒިއޭންގެ ރިސާޗަރުންގެ އުންމީދަކީ އެ އިމްޕްލާންޓު ޓެސްޓުތައް އިންސާނުންނަށް ކުރަން ފެށުން ކަމަށް އެ އިންސްޓިޓިއުޓުގެ ރިސާޗަރުން ބުނެފައިވެ އެވެ. އެ މީހުން ދެކޭގޮތުގައި އެ އިމްޕްލާންޓު ބަދަލު ކުރުމާ ނުލައި އިންސާނާގެ ހަށިގަނޑުގައި 10 އަހަރު ބޭންދޭނެ އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އެ އިމްޕްލާންޓުގެ ޓެސްޓިންތައް އިންސާނުންނަށް ކުރަން. މިއީ ވަރަށް ގިނަ މައްސަލަތަކަށް އޮތް ބޮޑު ހައްލެއް. އަޅުގަނޑުމެންގެ އީ-ޑިއުރާ އިމްޕްލާންޓް އިންސާނާގެ ހަށިގަނޑުގައި ބަދަލު ކުރުމާ ނުލައި 10 އަހަރު ބޭންދޭނެ ކަމަށް ގަބޫލު ކުރަން،" ރިސާޗަރެއް ބުންޏެވެ.
ސިލިކަން އިން ތައްޔާރުކޮށްފައިވާ އެ އިމްޕްލާންޓްގައި ކަރަންޓު ކޮންޑަކްޓު ކުރާ ރަން ޓްރެކްތަކެއް ހުންނާނެއެވެ. އެ ޓްރެކްތަކަކީ އިލާސްޓިކް ފަދައިން ދެމޭ ޓްރެކްތަކެކެވެ.