ކަނޑަށް ވެއްޓިފައިވާ މަތިންދާބޯޓް ކިއުޒެޑް 8501 ގެ ކަޅު ފޮށި ނަގައިފި އެވެ.

އިންޑޮނޭޝިއާގެ އޮފިޝަލުންނާ ހަވާލާދީ ދަ ހިންދޫ ނޫހުން ބުނީ އެގައުމުގެ އެއާއޭޝިއާގެ މަތިންދާބޯޓްގެ ފްލައިޓް ޑޭޓާ ރެކޯޑަރް (ކަޅުފޮށި) ނަގާފައިވާ ކަމަށެވެ. އަދި ބުނީ ކޮކްޕިޓް ރެކޯޑަރް ހޯދުމަށް މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ވެއްޓުނު ބޯޓުގެ ކަޅުފޮށި އޮތްތައް ޑައިވަރުންނަށް ހޯދުނީ އިއްޔެ އެވެ. ނަމަވެސް ކަޅުފޮށި އޮތީ މަތިންދާބޯޓްގެ މައިގަނޑުގެ ދަށުގައި ކަމަށްވާތީ ކުރިމަތިވި ދަތިތަކާ ހެދި އިއްޔެ ވަނީ އެ ނެގޭގޮތް ނުވެފަ އެވެ.

މަތިންދާބޯޓް ވެއްޓެން މެދުވެރިވި ސަބަބު ކަޅުފޮށި ލިބުމުން ހޯދޭނެ ކަމަށް އޮފިޝަލުން އުއްމީދުކުރައްވަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއަށް ގެންގޮސް އޭގައިވާ މައުލޫމާތު ޑައުންލޯޑްކޮށް ދިރާސާ ކުރުމަށް ހަފުތާއެއްހާ ދުވަސް ހޭދަވާނެ އެވެ.

ކަޅު ފޮށި (ޑާޓާ ރެކޯޑަރް) އަކީ ކޮމާޝަލް މަތިންދާބޯޓެއް ވެއްޓުމުން ހާދިސާ ތަހުގީގު ކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބޭ ވަސީލަތެވެ. އޭގައި ރައްކާކުރެވިފައި ހުންނަ މައުލޫމާތުގެ ތެރޭގައި މަތިންދާބޯޓް ދުއްވަމުން ދިޔަ ސްޕީޑާއި ލޭންޑިން ގިއަރު އޮތް ޕޮޒިޝަނާއި ޕައިލެޓުން ދައްކާ ވާހަކަ ވެސް ހިމެނެ އެވެ.

އިންޑޮނޭޝިއާ އިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި އެއާ އޭޝިއާގެ މަތިންދާ ބޯޓް ވެއްޓުނީ 162 މީހުންނާ އެކު އެވެ. އެ ބޯޓުން ދަތުރު ކުރީ ފަޅުވެރިންގެ އިތުރަށް، އިންޑޮނޭޝިޔާގެ 149 ފަސިންޖަރުންނާއި ކޮރެއާގެ ތިން މީހަކާއި އިންގިރޭސި ރައްޔިތަކާއި ސިންގަޕޫރު ރައްޔިތެއްގެ އިތުރަށް މެލޭޝިޔާ ރައްޔިތަކު ކަމަށެވެ.