އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ސައުތޭމްޕްޓަން ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލްގެ ތިންވަނައިގައި އޮތް ޔުނައިޓެޑް އެ މަގާމުން ވައްޓާލިއިރު، ލީގުގައި އާސެނަލް ރޭ ކުޅުނު މެޗު ކާމިޔާބުކޮށް، ޔުނައިޓެޑާ އެއް ޕޮއިންޓް ގާތަށް އެ ޓީމް ޖެހިލައިފި އެވެ.

ރޭ ޔުނައިޓެޑްގެ މައްޗަށް ސައުތޭމްޕްޓަން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ތިން ޕޮއިންޓާއެކު ސައުތޭމްޕްޓަން މިހާރު ވަނީ ޔުނައިޓެޑާ އެ ޓީމާ ދެމެދު ދެ ޕޮއިންޓުގެ ފަރަގެއް ހޯދާފައެވެ. މުޅިއެކު 39 ޕޮއިންޓާއެކު އެ ޓީމް މިޙާރު ތާވަލްގެ ތިންވަނައިގައި އޮތް އިރު، ޔުނައިޓެޑަށް މިހާރު ލިބިފައި ވަނީ މުޅިއެކު 37 ޕޮއިންޓެވެ.

ރޭ އާސެނަލް ކުޅުނު މެޗުގައި އެ ޓީމާ ދެކޮޅަށް ވާދަކުރީ ސްޓޯކް ސިޓީ އެވެ. އެންމެ ފަހުން ސްޓޯކް ސިޓީގެ ދަނޑުގައި އެ ދެ ޓީމް ބައްދަލުކުރި މެޗު ސްޓޯކް ސިޓީ ކާމިޔާބު ކުރިއިރު، ރޭގެ މެޗުގައި އާސެނަލް އެ ޓީމްގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ތިން ޕޮއިންޓާއެކު އާސެނަލް މިހާރު އޮތީ މުޅިއެކު 36 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައި ޔުނައިޓެޑާ އެއް ޕޮއިންޓް ގާތުގައެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު އެ ޓީމް ފެށީ ރަނގަޅު ފޯމެއްގައެވެ. މެޗުގެ ފުރަތަމަ ވަގުތުކޮޅު އެ ޓީމްގެ ޑި މާރިއާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ފުރަތަމަ ހާފްގައި ޔުނައިޓެޑް ވަނީ ސައުތޭމްޕްޓަނަށް ޕްރެޝަރުކޮށް، އެ ޓީމް ޑިފެންސް ކުރަން މަޖުބޫރު ކުރުވާފައެވެ. ނަމަވެސް ކައުންޓާ އެޓޭކް ތަކުގައި ސައުތޭމްޕްޓަންވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ.

މެޗުގައި ދެވަނަ ހާފްވެސް ރަނގަޅު ފޯމެއްގައި ފެށީ ޔުނައިޓެޑުންނެވެ. ދެވަނަ ހާފްގެ ފުރަތަމަ ވަގުތުކޮޅު ކުރިއަށް ޖެހިލައިން ކުޅުނު ޔުނައިޓެޑް ވަނީ އެ ހާފްގައިވެސް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް އެ ޓީމަށް ވަނީ ސައުތޭމްޕްޓަންގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ނުވެފައެވެ.

މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ 69 ވަނަ މިނެޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި ސައުތޭމްޕްޓަންގެ ޕެލޭ ނެގި ޝޮޓު ޔުނައިޓެޑްގެ ގޯލް ދަނޑިއަށް އަމާޒު ވުމުންނެވެ. އެ ހަމަލާގައި ރީބައުންޑްވި ބޯޅައިގެ ފުރިހަމަ ބޭނުން ހިފާ، ސައުތޭމްޕްޓަންގެ ޓެޑިކް ވަނީ މެޗުގެ ހަމައެކަނި ލަނޑު ކަމިޔާބު ކޮށްފައެވެ. އެ ލަނޑާއެކު ޔުނައިޓެޑް ނަތިޖާ ހަމަހަމަ ކުރަން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗު ނިމިގެން ގޮސްފައި ވަނީ ސައުތޭމްޕްޓަން ކޮޅަށެވެ.

ޔުނައިޓެޑް މެޗާ ހިލާފަށް އާސެނަލް ރޭ ކުޅުން މެޗުގައި އެ ޓީމް ވަނީ މެޗު ފެށިތާ ހަ މިނެޓު ތެރޭ ލީޑް ނަގާފައެވެ. އެ ލަނޑު އާސެނަލްއަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ލޯރެންޓް ކޯޝެލްނީ އެވެ. މެޗުގެ ފުރަތަމަ ވަގުތުކޮޅު ގޭމް ކޮންޓްރޯލްކޮށް، ސްޓޯކް ސިޓީގެ ގޯލަށް އާސެނަލް ދިޔައީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވަމުންނެވެ. އެ ހަމަލާ ތަކުގެ ނަތީޖާ އަކަށްވީ މެޗުގެ 33 ވަނަ މިނެޓުގައި އާސެނަލްގެ އެލެކްސިސް ސަންޗޭޒް އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގައި އެ ޓީމަށް ލީޑް ފުޅާ ކޮށްދިނުމެވެ.

ދެ ލަނޑުގެ ލީޑަކާއެކު ފުރަތަމަ ހާފް ނިންމާލި އާސެނަލް މެޗުގެ ދެވަނަ ހާފްވެސް ފެށީ ލަނޑަކާ އެކީ އެވެ. އެ ލަނޑު ދެވަނަ ހާފް ފެށިތާ ހަތަރު މިނެޓު ތެރޭ އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ދެވަނަ ލަނޑުވެސް ކާމިޔާބު ކުރި ސަންޗޭޒް އެވެ. އެ ލަނޑާއެކު މެޗުގައި އާސެނަލް ހަމަޖެހިލައި ޑިފެންސަށް އިސްކަން ދީފައި ވާއިރު، ސްޓޯކް ސިޓީ ވަނީ އެ ވަގުތުކޮޅު ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައެވެ.

މެޗުގެ ފަހުވަގުތު ކޮޅު ގޭމް ކޮންޓްރޯލް ކުރީ އަނެއްކާވެސް އާސެނަލް އެވެ. ފަހު ވަގުތުކޮޅު އާސެނަލް އަނެއްކާވެސް ކުރިއަށް ޖެހިލާ އިތުރު ލަނޑެއް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް، މެޗު ނިމިގެން ދިޔައިރު ނަތީޖާއަށް އިތުރު ބަދަލުކެއް އައިސްފައެއް ނުވެއެވެ.